ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާ އަވަށްޓެރި އިންޑިއާއިން އަނެއްކާވެސް ލޮކްޑައުން މުހުލަތު އިތުރުކޮށްފިއެވެ.

އިންޑިއާ ސަރުކާރުންވަނީ އެގައުމުގައި މިހާރު ތަންފީޒު ކުރަމުންދާ ލޮކްޑައުން އަމުރުގެ މުހުލަތަށް 2 ހަފުތާ އިތުރުކޮށްފައެވެ. ކުރިން އޮތް ގޮތުން ނަމަ އިންޑިއާގައި ތަންފީޒު ކުރަމުންދާ ލޮކްޑައުން އަމުރު މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ. ނަމަވެސް މުހުލަތު އިތުރު ކުރުމާއެކު، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުޅި ގައުމު އޮންނާނީ ލޮކްޑައުން ކޮށްފައެވެ.

އެއްގަމާ ވައިގެ މަގުން ކުރާ ހުރިހާ ދަތުރުފަތުރެއްހެން މެދުކަނޑާލާފައިވާއިރު، ސްކޫލްތަކާ ކޮލެޖުތަކުގެ އިތުރުން ދީނީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ހާއްސަ ތަންތަންވެސް މިމުއްދަތުގައި އޮންނާނީ ބަންދުވެފައި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެއްގަމާ، ރޭލާ ވައިގެ މަގުން ދަތުރު ކުރުމުގެ ހުއްދަ، ދާހިލީ ވުޒާރާއިން ދޫކުރާނެ ކަމަށް ޚަބަރު ލިބެއެވެ.

ފާއިތުވީ 3 ހަފުތާއަށް ބަލާ، ކޮވިޑް-19ގެ ކޭހެއް ރިޕޯޓްކޮށްފައި ނުވާ ސަރަހައްދުތަކަކީ 'ގްރީން ޒޯން' ތަކެއް ކަމުގައި އިންޑިއާ ސަރުކާރުންވަނީ ހަމަޖައްސާފައެވެ. މި ސަރަހައްދުތަކުގައި އިއުލާންކޮށްފައިވާ ހަރުކަށި ފިޔަވަޅުތަކަށް ވަނީ ހިސާބެއްގެ ލުޔެއްވެސް ދީފައެވެ. ރަތާ އޮރެންޖު ޒޯންތަކަކީ ކޮންމެ ހަފުތާއަކުވެސް ހާލަތު މުރާޖައާ ކުރެވިގެންދާނެ ޒޯންތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު މިއަދު 180 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއަދު އެއްވެސް މީހަކު މަރުވިކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ. އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 35043 އަށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދު 1154 އަށް ވަނީ އަރާފައެވެ.