ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ މި ހާލަތުގައިވެސް ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކޮށްދެއްވާނެ ކަމަށާއި މަސައްކަތްތެރިންނާއެކު އެމަނިކުފާނު ސާބިތުވެ ހުންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް މިއަދު ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިގްތިސޯދާއި މަސައްކަތްތެރިންގެ ހައްގުތަކަށް ބޮޑެތި ގޮންޖެހުންތަކެއް އައިސްފައިވާ ކަމަށެވެ. އެކަމަކު ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނާ އެކު އެ މަނިކުފާނު ސާބިތުވެ ހުންނަވާނެ ކަމަށާއި އަދި މި ހާލަތުން އަރައިިގަތުމުގައި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރެވޭކަން ކަށަވަރު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް ފެތުރެމުން އަންނައިރު ގިނަ ވިޔަފާރިތައް ކުރިއަސް ނުގެންދެވި ހުއްޓުމަކަށް ވަނީ އައިސްފައެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އެތައް ބަޔަކު މިވަގުތު ވިޔަފާރި ހުއްޓި މަސައްކަތްތެރިންނަށް މުސާރަަ ނުދެވި ތަން ހިނގުމަށް ދަތިތައް ކުރިމަތިވެފައި ވަނީ މުޅި ވިޔަފާރި މި ވަގުތަށް މަޑުޖައްސާލާފައެވެ. މި ސަބަބަށް ޓަކައި މުވައްޒަފުންގެ ވަޒީފާ ކަށަވަރު ކޮށްދިނުމަށް ސަރުކާރުން ވަނީ ވިޔަފާރިތަކުގެ ކޭޝްފްލޯ ރަނގަޅު ކުރުމަށާއި އޮޕަރޭޝަން ކަންކަން ކުރިއަށް ގެންދިއުމަށް ސްޓިމުލަސް ޕެކޭޖެއް ތައާރަފް ކޮށްފައެވެ. ހަމައެއާއެކު އިގްތިސޯދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާ އެކު ވިޔަފާރިތަކަށާއި އާންމު ފަރާތްތަކަށް މާލީ ގޮތުން ލިބެމުން ދާ ދަތިތަކުން އަރައިގަތުމަށް ބީއެމްއެލުން ނަގާފައިވާ ލޯނުތަކަށް ލުއި ދިނުމަށް ވަނީ ލޯނު ފަސްކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.
މިފަދަ ޕްކޭޖްތައް ސަރުކާރުން ތައާރަފް ކުރި ނަމަވެސް އެތައް މަސައްކަތްތެރިން ތަކެއް މިއަދު ތިބީ ވަޒީފާ ގެއްލިފައެވެ. ނުވަތަ މުސާރައިގެ ބޮޑު ބައެއް އުނިވެ ދަތި ހާލުގައި ޖެހިފައެވެ. ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ދާން ޖެހިފައެވެ. އެގޮތުން ސަރުކާރުން ވަނީ ވަޒީފާގެ ސަބަބުން ގެއްލުން ވެފައިވާ ފަރާތްތައް މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ގާއިމް ކުރި ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެ މައްސަލަ ހުށަހެޅުމަށް އެދިފައެވެ.
އެއްބަޔަކަށް އެ ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހެޅުން ދަތިކަމަކަށް ވެގެން ގޮސްފައިވީ ނަމަވެސް އެ ޕޯޓަލްގައި ބައެއް މަސައްކަތް ތެރިން ވަނީ ރަޖިސްޓާ ވެފައެވެ. އަދި އެ ޕޯޓަލްގައި ރަޖިސްޓްރީވި ފަރާތްތަކުގެ ތެރެއިން ވަޒީފާ ގެއްލިފައިވާ ފަރާތްތަަކަށް ސަރަުކާރުން ވަނީ ތިން މަސް ދުވަހުގެ އިނާޔަތެއް ދިނުމަށް ނިންމާފައެވެ. އެގޮތުން އެފަދަ މަސައްކަތްތެރިންނަށް 5000 ރުފިޔާގެ އެލަވަންސެން ވަނީ ސަރުކާރުން ހަމަޖައްސާފައެވެ.