ދުނިޔޭގެ ކަނޑުގެ ސަތަހަ ވަނީ މައިކްރޮޕްލާސްޓިކުން ރެކޯޑް މިންވަރަކަށް ތަޣައްޔަރުވެފައި ކަން ސައެންސްވެރިން ދެނެގަނެފިއެވެ.

މައިކްރޮޕްލާސްޓިކަކީ، ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ދޭ، އިންތިހާއަށް ކުޑަ ޕްލާސްޓިކް ކޮޅުތަކެކެވެ. މިއީ ވަކި ކަހަލަ ޕްލާސްޓިކެއް ނޫނެނެވެ. އެމެރިކާގެ ނޭޝަނަލް އޯޝޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޯއާ) އިން ބުނާ ގޮތުގައި މިއިން ކޮންމެ މައިކްރޮޕްލާސްޓިކް ފުކެއްގެ ބޮޑުމިން، 5 މިލިމީޓަރަށްވުރެ ކުޑަވާނެއެވެ.

ޔުނިވާސިޓީ އޮފް މެންޗެސްޓާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ދިރާސާ ހަދާފައިވަނީ، އިޓަލީ ކައިރިން މެޑިޓަރޭނިއަން ކަނޑުގެ ސަތަހައިން ސާމްޕަލް ނަގައިގެންނެވެ.

މި ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ކަނޑުގެ ސަތަހައިގެ ކޮންމެ 1 އަކަ މީޓަރެއްގައި 1.9 މިލިއަން ޕްލާސްޓިކް ކޮޅު ހުރި ކަމަށް ދައްކައެވެ.

ކަނޑުއަޑީގެ ސަތަހައިން ނަގާފައިވާ ސާމްޕަލްއެއް/ފޮޓޯ: އިއާން ކޭން

ބެލެވޭ ގޮތުގައި މި ތަކެއްޗަކީ އަންނައުނާ އެނޫންވެސް ސިންތެޓިކް އުފެއްދުންތަކުން ބޭރުވާ ފައިބަރު ކޮޅުތަކާ އެތައް ޒަމާނަކުން ވީރާނެވެ ހަލާކުވަމުންދާ ބޮޑެތި އެއްޗިހިން ފައިބާ ކުދި އެތިކޮޅުތަކެކެވެ.

ކަނޑުގެ ސަތަހަ ނުވަތަ އެންމެ އަޑީގައިވެސް ގަދަ އޮއެ ހުންނައިރު، މިކަމުގެ ނަތީޖާއެއްގެ ގޮތުން، ބައެއް ސަރަހައްދުތަކުގައި ހުރި މައިކްރޮޕްލާސްޓިކް ކޮޅުތަކުގެ ބޮޑުމިނުގައި 1 މިލިމީޓަރުވެސް ނުހުންނަ ކަމަށް ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

ބައިނަލްއަގުވާމީ ދިރާސާ ޓީމުގައި އިސްކޮށް ހަރަކާތްތެރިވި ޑރ އިއާން ކޭން ވިދާޅުވީ، މި އޮއެވަރުގެ ސަބަބުން ކަނޑުއަޑީގެ ސަތަހާގައި އުސް ފަރުބަދަތަކެއް ގޮތަށް އެތުރިފައިވާކަމަށެވެ. މި ފަރުބަދަތަކުގެ ރާސްތާ އެތައް ކިލޯމީޓަރަކަށް ދެމިގެންދާނެ ކަމަށާ، އަދި އުސް މިނުގައި އެތައް ސަތޭކަ މީޓަރެއް ހުންނާނެ ކަމަށްވެސް އޭނާ ވަނީ ސިފަކޮށްދެއްވާފައެވެ. އަދި މި ފަރުބަދަތަކުގެ ތެރޭގައި މައިކްރޮޕްލާސްޓިކް ކޮޅުތައް އުޅޭނެކަމަށް ގަބޫލުކުރެވޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އީޕީއޭގެ ލޯގޯ ފެންނަ ޕްލާސްޓިކް ޕެކޭޖް ކަނޑުގައި

ފަހުގެ ހޯދުންތަކަށް ބަލާއިރު އަހަރެއްގެ މައްޗަށް 4-12 މިލިއަން ޓަނުގެ ޕްލާސްޓިކް ކުނި، ކަނޑަށް އެޅެއެވެ. މިތަކެތި އެންމެ އާންމުކޮށް ކަނޑަށް ދަތުރުކުރަނީ، ކަނޑުތަކާ ގުޅިފައިވާ ކޯރުތަކުން ކަމަށްވެއެވެ.

ކޯރުތަކާ ކަނޑުގެ ސަރަހައްދުގައި ޕްލާސްޓިކު ކުނި އޮޔާ ދެމޭތީ ދޭތެރެ ދޭތެރެއިން މީޑިއާގެ ސަމާލުކަމަށް އަރައެވެ. ނަމަވެސް މިއީ ކަނޑަށް ޖަމާވާ ޕްލާސްޓިކު ކުނީގެ ޖުމުލައަށް ބަލާއިރު ގާތްގަނޑަކަށް 1 ޕަސެންޓްއެވެ. އަނެއް 99 ޕަސެންޓް ޕްލާސްޓިކު ދާ ތަނެއް އަދި ވަނީ ކަށަވަރުކޮށް ނުހޯދިއެވެ.

ހުޅުމާލެ ފަޅުތެރެއަށް ޖަމާވެފައިވާ ކުނިތައް / ފޮޓޯ: ސޯޝަލް މީޑިއާ

ހަމަ ޔަގީނުންވެސް މީގެ ބައެއް ޕްލާސްޓިކްއަކީ، ކަނޑުގެ ބައެއް ދިރުންތަކަށް އޮޅުމެއްގެ ތެރެއިން ކާލެވޭ ތަކެއްޗެވެ. މިތަކެއްޗަކީ އެ ދިރުންތަކުގެ ޒަރިއްޔާއިން އިންސާނުންގެ ކާ ސުފުރާތަކަށް އެނބުރި އަންނަ ޕްލާސްޓިކް ކޮޅުތަކެއް ކަމަށްވެސް ބުނެވެއެވެ.