ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރި ޗައިނާއަކީ ދުނިޔޭގައި 2 ވަނަ އަށް އެންމެ ވަރުގަދަ އިގުތުސޯދެވެ. މި ބަލިމަޑުކަމުގެ ނޭދެވޭ އަސަރު އެންމެ ފުރަތަމަ ފޯރި އިގުތިސޯދަކީވެސް އެއީއެވެ. ނަމަވެސް ޗައިނާގައި ފެތުރެމުންދިޔަ ބަލިމަޑުކަން އިންތިހާއަށް ކޮންޓްރޯލްވެ، އިނދަޖެހިފައި އޮތް އިގުތިސޯދު އަލުން ހިންގައިގަތުމަށް ޗައިނާއިން ދަނީ ކުރިއަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. މި ދިމާލަށް ދުނިޔޭގެ ބައެއް އެހެން ގައުމުތަކުން މިސްރާބު ޖަހާފައިވާއިރު، ޗައިނާއިން ދެލިކޮޕީއެއްގެ ގޮތުގައި ބޭނުން ކުރަމުންދަނީ އެމީހުންނަށް ކުރެވިފައިވާ ތަޖުރިބާތަކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން މުޅިން ހިންދެމި ލެވޭނެ ދުވަހެއް އަދި ބުނަން ނޭނގުނެއް ކަމަކު އިގުތިސޯދު ހިންގައިގަތުމަށް މިއަދު ވަނީ މަޖުބޫރުވެފައެވެ. ޗައިނާއިން ދަނީ މިކަމުގައި ދުނިޔެއަށް މުހިންމު ފިލާވަޅުތަކެއްވެސް ނަގައިދެމުންނެވެ.

މަސައްކަތްކުރާ ގޮތް

ކުންފުނިތަކުން މިވަގުތު އެންމެ ހާއްސަ ސަމާލުކަމެއް ދޭ ކަމަކީ އިޖުތިމާއީ ގައިދުރުކަން ތަންފީޒު ކުރެވެނިވި ގޮތަކަށް މަސައްކަތުގެ މާހައުލުގައި އިންތިޒާމުތަކެއް ހަމަޖެއްސުމަށެވެ. ވަޒީފާ އަދާކުރާ މާހައުލަކީ ރައްކާތެރި އުސްލޫބުތަކެއް ގެންގުޅެވޭފަދަ ވެއްޓަކަށް ހެދުމަށެވެ.

ޅ. ފެލިވަރުގައި ހުންނަ ދަޅު މަސް ބަންދުކުރާ ކާރުހާނާގައި މަސައްކަތް ކުރަނީ

ވަޒީފާގެ މާހައުލަކީ ކޮވިޑް-19ގެ ނުރައްކަލުން ސަލާމަތްކޮށްދެނިވި ތަނަކަށް ހެދުމަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން އޮފީހެއްގައި އެކަކު އަނެކަކާ ޖެހިޖެހިގެން ތިބެ މަސައްކަތް ކުރަމުންދިޔަ ދިއުން ބަދަލުކޮށް، މޭޒުތައް ދޭތެރޭ ހުންނަ ދުރުމިން އިތުރު ކުރެވިދާނެއެވެ. އޮފީހަށް ވަދެ، ސައިން އިން ކުރުމަށް އިނގިލީގެ ނިޝާން ޖެހުމާ، ކާޑު ޖެއްސުން ފަދަ ކަންކަމުން ދުރުވެ، ފޭސް-ރިކޮގްނިޝަން ޓެކްނޮލޮޖީއަށްވެސް ބަރޯސާވެވިދާނެއެވެ. ހަމަ މިފަދައިން، ފޯނުން ކިއު.އަރް ކޯޑެއް ނަގައިގެންވެސް މިކަން ކުރެވިދާނެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އެޅި ފިޔަވަޅުތަކާއެކު މަސައްކަތުގެ އާދަކާދައަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރިން އެންމެން އެއްތަނެއްގައި ތިބެގެން ނޫނީ ނުކުރެވުނު ކިތަންމެ މަސައްކަތެއް، އެކި ހިސާބުތަކުގައިވާ ގެތަކުގައި ތިބެ ކޮށް ނިންމަމުންދާއިރު، އޮފީހަށް ނިކުންނަ ހިސާބުންވެސް މިކަން ބަދަލުވާކަށް ނުޖެހެއެވެ. ކޮވިޑް-19އާއެކު ސޮފްޓްވެއާ ކުންފުނިތަކަށް އޮތް ޑިމާންޑް ބޮޑުވެގެން ދިޔައީވެސް ސަބަބެއް ނެތިއެއް ނޫނެވެ.

ވިޔަފާރިކުރާ ގޮތް

ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަން ފެށި ލޮކްޑައުންގެ އަމުރުތަކާއެކު އެންމެ ބޮޑު ބަދަލެއް އައި އެއް ކަމަކީ ވިޔަފާރީ ކުރުމުގެ އާދައަށޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކުގެ ތެރޭގައި ވިޔަފާރި ކުރަމުން އައި އުސޫލުތައް އާދަޔާ ހިލާފަށް ފާހަގަވޭ ނޫންތޯއެވެ.

ކޮވިޑް-19އާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަމުންދާ ސްޕެއިންގައި އަސާސީ މުއްދާ ވިއްކާ ފިހާރައެއްގައި އާންމުން ހަރަކާތްތެރިވަނީ/ފޮޓޯ: ރޮއިޓާޒް

މަޝްހޫރު ބްރޭންޑް ނައިކީއަށް ބަލާއިރު، އެ ކުންފުނިން ވަނީ ޗައިނާގެ އޮންލައިން ޕްލެޓްފޯމުގައި ވިޔަފާރި މެކުހަށް ޖަހާފައެވެ. މިއަހަރުގެ ފުރަތަމަ 3 މަސްދުވަހަށް ބަލާއިރު، ޗައިނާގެ ޑިޖިޓަލް ސޭލްސް ވިޔަފާރި ވަނީ 30 ޕަސެންޓް އިތުރުވެފައެވެ. ހަމަ މިއާއެކު ހަފުތާ ތެރެއަށް ބަލާއިރު، އެކްޓިވް ޔޫޒާޒްގެ އަދަދު 80 ޕަސެންޓް އިތުރުވި ކަމަށްވެސް ނައިކީ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19ގެ ބަލިމަޑުން އަރައިގަނެވި، އާންމު ދިރިއުޅުމަށް އަހުލުވެރިވުމާ ދިމާލަށް މިސްރާބު ޖަހަމުންދާއިރު، ޑިޖިޓަލް ސޭލްސްގެ ވިޔަފާރިއަށް ބަރޯސާވުމުގައި ގޯހެއް އޮތް ކަމަކަށް ނުފެނެއެވެ.

ސަޕްލައި ޗޭނުތައް ދެމެހެއްޓުން

ކޮވިޑް-19އާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުން ބޯޑަރުތައް ބަންދުކޮށް، މި ފަހުގެ ތާރީހެއްގައި ދުނިޔެ ނުދެކޭ ދަރަޖައަކަށް ދަތުރުފަތައް ހުއްޓުމަކަށް އައެވެ. ސިނާއީ އަދި އުމްރާނީ މަސައްކަތްތައް ހުއްޓުމަކަށް އައެވެ. ނަތީޖާއަކަށްވީ، އުފެއްދުންތެރިކަމުގެ ސިނާއަތަށްވެސް ބޭނުންވި މުހިންމު ވަސީލަތްތައް ލިބުން ހުއްޓުމަކަށް އައުމެވެ. މަސައްކަތްތެރިންނަށް ވަޒީފާއަށް ނުނިކުމެވި، ގޭގައި ބަންދުވެގެން ތިބެންޖެހުމެވެ.

ކެއާޕެކޭޖުތަކާއެކު މޯލްޑިވިއަން ކާގޯ ފްލައިޓު ލަންކާއަށް / ފޮޓޯ: މޯލްޑިވިއަން

މިއާއެކު ވިޔަފާރިތައް ހިންގާނެ އިތުރު މަގުތައް ހޯދަން ކަމާބެހޭ ފަރާތްތަކަށް މަޖުބޫރުވިއެވެ. ބިނާކުރަނިވި އިންގިލާބީ ވިސްނުންތަކަކަށް ނަޒަރު ހިންގަންޖެހުނެވެ. މުދާ އުފެއްދުމާ ސަޕްލައިކުރާނެ އާ ގޮތްތައް ހޯދަންޖެހުނުއިރު، މިއީ ކުރިއަށް އޮތްތަނުގައި ބައިނަލްއަގުވާމީ ސަޕްލައި ޗޭނަށް އަންނަ ހެޔޮ ބަދަލަކަށްވެސް ވެދާނެއެވެ. އައިބީއެމް ޗައިނާގެ ސީއީއޯވެސް ވަނީ، ކޮވިޑް-19އަކީ ގިނަ ކުންފުނިތަކެއް ނިދިން ހޭލައްވާލި ރަނގަބީލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.