ކޮވިޑް-19ގެ ރިސްކު ބޮޑު ފަރާތްތަކަށް އިސްކަން ދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އެ ކޯލިޝަނުން މިފަދފައިން ގޮވާލާފައި ވަނީ އެ ކޯލިޝަނުގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައެވެ. އެ ކޯލިޝަނުން ވަނީ، އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ގޮތެއްގައި ބަލިތަކަށް ބޭސް ކުރަމުން ގެންދާ ފަރާތްތަކާމެދު ހާއްސަ ސަމާލު ކަމެއް ދިނުމަށް ގޮވާލާފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ، އެފަދަ ފަރާތްތަކުގެ ކިބައިން ވައިރަސްގެ އަސަރު ނުވަތަ އަލާމާތެއް ފެނިއްޖެނަމަ، އެފަރާތްތަކުގެ ފަރުވާގެ ކަންކަމުގައި ފަރާތްތައް ޓެސްޓު ކުރުމާއި ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ފަދަ ފަރާތްތަކުގެ ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން މަޑު ނުކުރުމަށެވެ. އަދި ސަމްޕަލް ލިބެންދެން މަޑު ކުރުމުގެ ބަދަލުގައި، އެފަދަ ފަރާތްތައް ވީހާވެސް ގާތުން މޮނިޓާ ކުރެވޭނެފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ، ކޮވިޑް-19ގަައި ރާއްޖޭގައި ނިޔާވި ފުރަތަމަ މީހާ ރޭގެ ވަގުތެއްގައި ނިޔާވި ހަބަރުއެހީ ފުން ހިތާމައާއި އަސަރާއެކު ކަމަށެވެ. އަދި އެ ކޯލިޝަނާއި އެ ކޯލިޝަނުގެ ރައީސް، ރައީސް އަބްދުﷲ ޔާއީންގެ ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުންވަނީ މަރުހޫމާގެ އާއިލާއަށް ތައުޒިޔާ އަދި އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށް އެދި ދުއާ ކޮށްފައެވެ.

ރޭ ނިޔާވި ފަރާތަކީ، ކޮވިޑް-19އަށް ޕޮޒިޓިވް މީހެއްކަން އެނގިގެން ދިޔައީ އޭނަ ނިޔާވި ފަހުން ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. އަދި ދާއިމީ ގޮތެއްގައި ބައެއް ބަލިތަކަށް ބޭސް ކުރަމުންދާ އުމުރުން ދުވަސްވީ މީހަކަށްވެ، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާއި ގުޅުން ހުރި ފަރާތްތަކަށް ވީއިރު އޭނާ ގޭގައި މޮނިޓަރިން އަށް ބެހެއްޓުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އެ ކޯލިޝަނުން ބުނީ މަރުހޫމާގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެނި، ހާލު ބޮޑުވެގެން އޭނާގެ ސާމްޕަލް ނަގާ ޓެސްޓު ހެދުމަށް އާއިލާއިން އެދުނު ނަމަވެސް، އެކަން ކުރުން ލަސްވެގެން ދިއުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ

މި ހިތްދަތި ހާލަތު ދިމާވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފަރާތުން މިކަމަށް ދޭންޖެހޭ ސަމާލުކަން ކުޑަވުމާއި ފަރުވާ ކުޑަކުރުން އޮޮތްކަން ވަރަށް ބޮޑަށް ފާހަގަވާ ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ. އަދި އެކަން ހަރުކަށި އިބާރާތުން އެ ކޯލިޝަނުން ވަނީ ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ، ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ކަންކަން ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ގޮވާލާފައެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދެވޭ ސަމާލުކަން އިތުރު ކޮށްމ، އެޅޭ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށް ގޮވާލާފައިވެއެވެ. އެ ކޯލިޝަނުން ވަނީ ލަސްނުކޮށް ރައްޔިތުން ޓެސްޓުކޮށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައެވެ.