ކޮވިޑް-19އާ ގުޅިގެން މޮނޮޓަރިންގެ ހާލަތައް ގެނެސްފައިވާ ނ. މާފަރުން، މަސްދަތުރުދިޔަ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އޮތުމުން ކައުންސިލުން އެ ރަށުން ބޭރަށް ދިއުން މަނާމަކަށް އާންމުކޮށް އިއުލާންކޮށްފައި ވަނިކޮށް އިއްޔެ އެކަމަށް ގޮންޖަހާ، ދެ މީހަކު މަސްދަތުރު ގޮސްފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ރަށުގެ އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކޮށްފައިވާތީ، ރޭ 10:40 ހާއިރު ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 59 އަހަރާއި 44 އަހަރުގެ ދިވެހި ދެ ފިރެހެނުން ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މާފަރު މިނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މާލެއިން އުތުރުގެ ބައެއް ރަށްރަށަށް ދަތުރުކުރި ށ. ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަނާއި އޭނާގެ އާއިލާގެ މީހުން ހިމެނޭ ގޮތަށް އެ ރަށުން އަށް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވުމާއި ގުޅިގެންނެވެ. އުތުރުގެ އެ ރަށްތަކުގެ ތެރޭގައި ނ. މާފަރު ވެސް ހިމެނެއެވެ.

މީގެ އިތުރުން ކޮވިޑް-19 ރާއްޖޭގެ ރަށްތަކުގައި ފެތުރުމުގެ ބިރު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ މި އެންގުމާ ހިލާފަށް އެރަށުން އަނެއް ރަށަށް ދަތުރު ކުރަމުންދާ ފަރާތްތައް ފުލުހުން ދަނީ ހައްޔަރު ކުރަމުންނެވެ.