އޭނާގެ ވެރިކަމެއްގައިވެސް އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ހުންނާނީ ގުދުސްގައި ކަމަށާ، އެކަން ބަދަލު ނުކުރައްވާނެ ކަމަށް އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނިކުންނަވާނެ ކަމަށް އެންމެ ގިނަ ބަޔަކު އިއްތިފާގުވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބޮސްޓަންގެ ސަޕޯޓަރުންނާއެކު ކުރިއަށް ގެންދެވި ވާޗުއަލް ފަންޑްރެއިޒާއެއްގައި ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ބައިޑަން ވިދާޅުވީ، އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ތެލް އަވީވްއިން ގުދުސްއަށް ބަދަލު ކުރެއްވުމަށް މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމެވި ސަބަބާ މެދު އެއްބަސްވެވަޑައިގެންނެވެން ނެތް ކަމަށާ، ނަމަވެސް މިހާރު އެމްބަސީ ހުރި ތަން ނޫން އެހެން ތަނަކަށް އެމްބަސީ ބަދަލުކޮށްގެން ނުވާނެ ކަމަށެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ، ޓްރަމްޕް ކަންކުރެއްވި ގޮތް ކަމު ނުދާކަމަށާ، އެކަން ކުރައްވަންޖެހިވަޑައިގަންނަވާނީ ސުލްހައިގެ މަޝްރޫއަށް ކުރިއެރުން ލިއްބައިދެނިވި ފަދަ ގޮތަކަށް، ފުޅާދާއިރާއެއްގައި ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

މި ވާހަކަތަކަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުތަކުގެ ކެމްޕޭންތަކާ ގުޅިގެން އެންމެ ތަފްސީލުކޮށް ބައިޑަން ދެއްކެވި ވާހަކަތައް ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ސިފަކުރެއެވެ.

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރުމަށް އެމެރިކާގެ ކޮންގްރެސްގައި އެންމެ ފުރަތަމަ ވޯޓު ދިނީ 1995 ވަނަ އަހަރުއެވެ. އޭރު ބައިޑަން ވަނީ، ޑެލަވެއާގެ ސެނެޓަރުގެ ހައިސިއްޔަތުން އެކަމަށް ތާއީދު ކުރައްވާފައެވެ. ނަމަވެސް އެމެރިކާގެ ރިޔާސީ ބާރުތަކަށް ވިދިވިދިގެން އައި ބަދަލުތަކަކާއެކު މިކަމަށް އަމަލީ ސިފަ ގެނައުން އޮތީ މަޑުޖެހިފައެވެ. އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް އެމެރިކާގެ ވެރިކަމާ ޑޮނާލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތުމަށްފަހު، އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރެއްވީ 2017 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

ކަންމިހެން އޮތްއިރު ބައިޑަން ވަނީ އިސްރާއީލުން ހިސޯރުކޮށްފައިވާ އިރުމަތީ ގުދުސްގެ ސަރަހައްދުގައި އެމެރިކާގެ ކޮންސިއުލޭޓު އަލުން ހުޅުވާނެ ކަމަށްވެސް ވިދާޅުވެފައެވެ. މިއީ ފަލަސްތީނުގެ ރައްޔިތުން ބައިވެރިކުރުމުގެ ގޮތުން ކުރައްވާނެ ކަމެއްކަން ބައިޑަން ވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހަށެވެ. މި އިންތިހާބުގައި ބައިޑަންގެ ކެމްޕޭނަށް ތާއީދު ކުރައްވާނެކަން، އެމެރިކާގެ އެންމެ މަގުބޫލު ރައީސް ބަރާކް އޮބާމާ އަދި ކުރީގެ ހާރިޖީ ވަޒީރު ހިލަރީ ކްލިންޓަން ވަނީ ހާމަކުރައްވާފައެވެ.