ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އަވަށްޓެރި އިންޑިއާގައި ތަންފީޒުކުރަމުންދާ ލޮކްޑައުންގެ ހަރުކަށި އަމުރުތަކާއެކުގައިވެސް، މަރުވި ޒުވާނެއްގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްދިނުމަށް 3200 ކިލޯމީޓަރު ނުވަތަ 2000 މޭލަށްވުރެ ދުރު ރާސްތާއެއް ކަޑަތުކުރި 2 އެމްބިއުލާންސް ޑްރައިވަރުންނަށް ބަތޮލުންގެ ދަރަޖަ ދީފިއެވެ.

5 ދުވަހަށް ދެމިގެންދިޔަ ދަތުރު ފެށީ އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫގެ ޗެންނާއީއިންނެވެ. އިރުއުތުރުގެ މީޒޯރާމް ސްޓޭޓްގެ އައިޒޯލްއޭ ކިއުނު ސަރަހައްދަށް ދަތުރު ނިންމާލިއިރު، އެ ސަރަހައްދުން އިވެމުންދިޔައީ ހޫނު އަތްތިލަބަޑީގެ އަޑުފައްގަނޑެވެ.

ހޮޓެލް މެނޭޖްމަންޓްގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރަމުންދަނިކޮށް، އުމުރުން އެންމެ 28 އަހަރުގެ ވިވިއަން ރެމްސަންގާ، ޗެންނާއީގައި މަރުވީ ހާޓް އެޓޭކްއެއް ޖެހިގެންނެވެ. ޗެންނާއީ މީޒޯ ވެލްފެއާ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މައިކަލް ލާލްރިންކީމާ ވިދާޅުވީ، ފުލުހުންނަށްވެސް މަރުވި ޒުވާނާ ދެނެގަނެވުނީ މައިނޯރިޓީ ޖަމިއްޔާއެއް މެދުވެރިކޮށް އޭނާގެ އާއިލާއާއި ގުޅައިގެން ކަމަށެވެ.

މައިނޯރިޓީ ޖަމިއްޔާއިންވަނީ މަރުވި ޒުވާނާގެ ހަށިގަނޑު އާއިލާއާއި ހަވާލުކުރެވޭނީ ކިހިނަކުންތޯ ބަލާފައެވެ. ހަށިގަނޑު ގެނައުމަށް ހާއްސަ ފްލައިޓެއް އެޅުމަށްވެސް ވިސްނިއެވެ. ނަމަވެސް، 2 އެމްބިއުލާންސް ޑްރައިވަރުންނާ ދިމާވި ކަމަށާ، އެއީ މީގެ ކުރިންވެސް އެމީހުން ކޮށްފައިވާ ފަދަ ދިގު ދަތުރެއް ކަމަށް އެ 2 މީހުން ބުނި ކަމަށް ލާލްރިންކީމާ ވިދާޅުވިއެވެ.

ޑްރައިވަރުން މި ދަތުރުކޮށްދިނީ 200000 ރުޕީޒް ނުވަތަ ގާތްގަނޑަކަށް 2645 ޑޮލަރަށެވެ. އެވަރުންވެސް، އެ މީހުން ކޮށްދިން މަސައްކަތުގެ އަގު، ޒުވާނާގެ އާއިލާއިން ބަލައިގަތީ ހިތުގެ އެންމެ ފުން މިނުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާގައި ލޮކްޑައުންގެ އަމުރު ތަންފީޒު ކުރަން ފެށީ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ. އޭޕްރިލް 14 ގެ ނިޔަލަށް ލޮކްޑައުންގެ ފުރަތަމަ މުހުލަތު ހަމަވި ނަމަވެސް، މިމުއްދަތު މިހާރު ވަނީ އަންނަ މެއި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 330062 އަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު 1079 އަށް އަރާފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.