އިންޑިއާގެ ފިލްމް ސިޓީ މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ ބޮލީވުޑްގެ ކުޅަދާނަ ބަތޮލް ރިޝީ ކަޕޫރު މިއަދު މަރުވެއްޖެއެވެ.

އުމުރުން 67 އަހަރުގެ ރިޝީ ކަޕޫރު މަރުވިކަން، އޭނާގެ ޒަމާންވީ ރަހުމަތްތެރިޔާ އަދި ބޮލީވުޑްގެ ސުޕާސްޓާ އަމީތާބު ބައްޗަން ވަނީ ސޯޝަލް މީޑިއާގައި ކަށަވަރުކޮށްދީފައެވެ.

ރިޝީ ކަޕޫރުގެ ބޭބެ ރަންދީރު ކަޕޫރު ވަނީ، ހޮސްޕިޓަލުގައި ރިޝީ ކަޕޫރު ފަރުވާ ހޯދާފައިވަނީ ނޭވާލާން ދަތިވުމުގެ މައްސަލަތަކެއް ކުރިމަތިވެގެން ކަން މީޑިއާއަށް ބަޔާންކޮށްދީފައެވެ.

ކެންސަރު ބައްޔާވެސް ހަނގުރާމަކޮށްފައިވާ ރިޝީ ކަޕޫރު މި ދުނިޔެއާއި ވަކިވެގެން ގޮސްފައި މިވަނީ، ފިލްމީ ދުނިޔޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ބޮލީވުޑް ބަތޮލް އިރުފާން ހާން މަރުވިތާ 1 ދުވަސް ފަހުންނެވެ. އިރުފާން ހާންވެސް ވަނީ ކެންސަރު ބައްޔާ ހަނގުރާމަކޮށްފައެވެ.

ރިޝީ ކަޕޫރުގެ މަރުގެ ޚަބަރާއެކު ބޮލީވުޑް ތަރިން ދަނީ ސޯޝަލް މީޑިއާގައި ހަމްދަރުދީގެ މެސެޖުތައް ޕޯސްޓް ކުރަމުންނެވެ.

ރިޝީ ކަޕޫރު މަރުވިއިރު އަތްބަކާ 2 ދަރިން ދުނިޔޭގައި އެބަތިއްބެވެ.

ރިޝީ ކަޕޫރުގެ އާއިލާއަކީ ބޮލީވުޑްގެ އެންމެ ޝާހީ އާއިލާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ "ކަޕޫރު" އާއިލާއެވެ. އެ އާއިލާގެ 4 ޖީލެއް ބޮލީވުޑްގެ ފިލްމީ ސިނާއަތުގައި ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން ރިޝީ ކަޕޫރުގެ ކާފަ ޕްރިތްވިރާޖު ކަޕޫރު، ބައްޕަ ރާޖު ކަޕޫރު އަދި ދަރިފުޅު ރަންބީރު ކަޕޫރުގެ ނަން ފާހަގަކުރަންޖެހެއެވެ.