ފިލްމީ ދާއިރާއިން އިންޑިއާގައި ގައުމީ އެވޯޑް ހާސިލުކޮށްފައިވާ ބޮލީވުޑް ބަތޮލް އިރުފާން ހާން މަރުވެއްޖެއެވެ.

ކެންސަރު ބައްޔާވެސް ހަނގުރާމަ ކޮށްފައި ވާ އިރުފާން ހާން މަރުވީ އިންޑިއާގެ ފިލްމް ސިޓީ މުމްބާއީގައެވެ.

އުމުރުން 53 އަހަރުގެ އިރުފާން ހާން މަރުވީ، ކޮލަން އިންފެކްޝަންއަކާ ގުޅިގެން ކުރިމަތިވި ސިއްހީ މައްސަލަތަކެއްގައި ކަމަށް ޚަބަރު ލިބެއެވެ.

އިރުފާން ހާން މަރުވިކަން، އޭނާގެ ގާތް އެކުވެރިޔާ އަދި ޑައިރެކްޓަރު ޝޫޖިތު ސިރުކާރު ވަނީ ކަށަވަރު ކޮށްދީފައެވެ.

އިންޑިއާ ނޭޝަނަލް ސްކޫލް އޮފް ޑްރާމާއިން ދަސްވެނިވެފައިވާ އިރުފާން ހާން އެންމެ ފަހުން ފިލްމީ ސިނާއަތުގައި މަސައްކަތްކޮށްފައިވަނީ މިއަހަރުގެ މާޗްމަހުއެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މިފިލްމުގެ ސްކްރީނިންގްއަށް ވަނީ ބުރޫ އަރާފައެވެ.

100 އަށްވުރެ ގިނަ ހިންދީ ފިލްމުގައި މަސައްކަތްކޮށްފައިވާ އިރުފާން ހާންއަކީ ހޮލީވުޑްއަށްވެސް ފަރިތަ ނަމެކެވެ. އެގޮތުން "ސްލަމްޑޯގް މިލިއަނާ"، "ސްޕައިޑާމޭން" އަދި "ޖުރޭސިކް ޕާކް"ގައި އިރުފާން ހާން ވަނީ މަސައްކަތްކޮށްފައެވެ.

އިރުފާން ހާން މަރުވިއިރު، އަތްބަކާ 2 ދަރިން ދުނިޔޭގައި އެބަތިއްބެވެ.