ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވާނެ ކަމަށް އެންމެ ގިނަ ބަޔަކު އިއްތިފާގުވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއަށް ތާއީދު ކުރައްވަން، އެމެރިކާގެ ކުރީގެ ހާރިޖީ ވަޒީރު އަދި ކުރީގެ ފަސްޓް ލޭޑީ ހިލަރީ ކްލިންޓަން ނިންމަވާ، އެކަން އިއުލާން ކުރައްވައިފިއެވެ.
މިއަދު މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް ކޮވިޑް-19) ގެ ސަބަބުން އަންހެނުންނަށް ކުރަމުންދާ އަސަރުތަކާ ބެހޭ ގޮތުން ކުރިއަށްދިޔަ އޮންލައިން ބައްދަލުވުމެއްގައި ހިލަރީ ކްލިންޓަން މިކަން ހާމަކުރައްވާފައިވާ މި ދަނޑިވަޅަކީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އަންހެން ވޯޓަރުންގެ ތާއީދު ހޯއްދެއްވުމަށް ބައިޑަން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްވެސްމެއެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ނިއުޔޯކް ސިޓީ ތަމްސީލުކުރައްވާ ސެނެޓަރެއްގެ މަގާމުވެސް އަދާކުރައްވާފައިވާ ހިލަރީ ކްލިންޓަންއަކީ، 2016 ވަނަ އަހަރު އެމެރިކާގައި އޮތް ރިޔާސީ އިންތިހާބުގައި ހިތްދަތި ގޮތަކަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކެންޑިޑޭޓެއްވެސްމެއެވެ.
2008 ވަނަ އަހަރުގެ އިންތިހާބުގައި ޑިމޮކްރަޓުންގެ ފަރާތުން ރިޔާސީ ޓިކެޓް ކަށަވަރުކުރަން އޮތް ވޯޓުގައިވެސް ހިލަރީ ކްލިންޓަންއަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީއާއެވެ. އެ ފަހަރު ޑިމޮކްރަޓުންގެ ޓިކެޓްގައި ނިކުންނެވީ އެމެރިކާގެ ތާރީހު ދުށް އެންމެ މަގުބޫލު ލީޑަރުގެ ގޮތުގައި މުޅި ދުނިޔެ ހެން އިއްތިފާގުވާ ބަރާކް އޮބާމާއެވެ. ބަރާކް އޮބާމާގެ ފަހަތްޕުޅުގައި ނައިބު ރައީސްގެ ގޮތުގައި ހިދުމަތްކުރެއްވީ، މިއަދު އެ ބޭފުޅަކަށް ހިލަރީގެ ތާއީދު އޮތްކަން ހާމަކުރައްވާފައިވާ ބައިޑަންއެވެ. އޮބާމާވެސް ވަނީ ބައިޑަންގެ ކެމްޕޭން އެންޑޯޒް ކުރައްވާފައެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ތާވަލުކޮށްފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހަށެވެ. މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން އިންތިހާބުގެ ތާވަލަށް އެއްވެސް ބަދަލެއް ގެނެސްފައިވާކަން އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.