ސޫރިޔާގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ އާފްރީންގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރުވެފައި ވާކަމަށް ތުރުކީވިލާތުން ބުނެފިއެވެ.
ތުރުކީވިލާތާ ބޯޑަރު ހިއްސާކުރާ ސަރަހައްދާ އިންވެގެން އޮންނަ މި ސަރަހައްދުގައި ހިނގާދިޔަ ހާދިސާއާއި ގުޅޭ ގޮތުން ހަތޭ ޕްރޮވިންސްގެ ގަވަރުނަރު ވިދާޅުވީ، މިކަން ހިނގާފައިވަނީ ބާޒާރު މަތީގެ ބައިބޯ ސަރަހައްދެއްގައި އޮތް ފިއުލް ޓޭންކަރެއްގައި ހަރުކޮށްފައިވާ އަތު ބޮމެއް ގޮވައިގެން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ކުރުދީ ހަނގުރާމަވެރިންގެ ޖަމާއަތެއް ކަމަށްވާ ވައިޕީޖީއިން ދިން ހަމަލާއެއް ކަމަށް ތުރުކީވިލާތުގެ ދިފާއީ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.
ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދާ ދެކޮޅަށް އޮންނަ އާފްރީން ސިޓީ ކޮންޓްރޯލް ކުރުމުންދަނީ ތުރުކީވިލާތުގެ ބާރުތަކުންނެވެ. 2018 ވަނަ އަހަރު ތުރުކީވިލާތުން ވަނީ ސީރިއަން ކާޑިޝް ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓސް (ވައިޕީޖީ) ބަލިކޮށްލުމަށް ހާއްސަ އޮޕަރޭޝަންއެއްވެސް ފަށާފައެވެ. ވިލާތުގެ އިއްތިހާދާ އެމެރިކާއިން ބުނާ ގޮތުގައި ވައިޕީޖީއަކީ ޓެރަރިސްޓް ޖަމާއަތެކެވެ.
ބޮމުގެ ހަމަލާ ދީފައިވަނީ ސަރަހައްދީ ސަރުކާރުގެ އޮފީސްތަކާ ދާދި ކައިރީގައި އޮންނަ ސޫކް ޢަލީ އޭ ކިއުނު ހިސާބުގެ ބައިބޯ ބަޒާރެއްގައި ކަން، ސީރިއަން އޮބްޒަވޭޓަރީ ފޮ ހިއުމަން ރައިޓްސްއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
ހާދިސާ ހިނގި ސަރަހައްދަކީ ރަމަޟާން މަހުގެ މެންދުރު ފަހުގެ ވަގުތުތަކުގައި ވަރަށް ބާރު ބޮޑުވާ ސަރަހައްދެއް ކަމަށް މައުލޫމާތު ލިބެއެވެ.
ތުރުކީވިލާތުގެ ދިފާއީ ވުޒާރާއިން ބުނީ މި ހަމަލާގައި މުޅިންވެސް މަރުވެފައިވަނީ އާންމުން ކަމަށާ، މަރުވި މީހުންގެ ތެރޭގައި 11 ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ. އަދި މި ހަމަލާގައި އާންމުންގެ އިތުރު 47 މީހަކު ޒަހަމްވެފައިވާކަމަށްވެސް ތުރުކީވިލާތުން ބުނެއެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޮ ހިއުމަން ރައިޓްސްއިން ބުނީ އާންމުންގެ 40 މީހެއްގެ އިތުރުން، ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ 7 މީހަކުވެސް މަރުވެފައިވާކަމަށެވެ.
ސޫރިޔާގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އަމިއްލަ ޖަމާއަތެއް ކަމަށްވާ ސީރިއާ ސިވިލް ޑިފެންސް ނުވަތަ ވައިޓް ހެލްމެޓްސްއިންވަނީ މިއީ ގަތުލުއާންމެއްގެ ގޮތުގައި ސިފަކޮށްފައެވެ. ވައިޓް ހެލްމެޓްސްއިން ބުނާ ގޮތުގައި މި ހަމަލާގައި 42 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.
މި ހަމަލާއާއި ގުޅިގެން ވައިޕީޖީއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.