ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޕޭޝަންޓެއް ކަމަށް ޝައްކު ކުރެވޭ ދޮށީ އުމުރުގެ އަންހެނެއްގެ ޖަނާޒާ ކުރިއަށްދިޔަ ވަގުތު، އެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހުންނަށް އަމާޒުކޮށް އާންމުން އޮއްގަލުން ހަމަލާ ދީފައިވާކަމަށް އިންޑިއާ ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މި ހަމަނުޖެހުން ހިންގާފައިވަނީ އިންޑިއާގެ އުތުރު އަވަށެއް ކަމަށްވާ ޗާންދް ޕޫރާގައި، ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހެއް މަރުވުމުން އެމީހާގެ ހަށިގަނޑު އަންދާލުމުގެ މަސައްކަތް ކުރިއަށްދިޔަ ވަގުތު ކަމަށް ޚަބަރު ލިބެއެވެ.

ހަރްޔާނާ ސްޓޭޓްގެ އަމްބާލާ ސްޓޭޓްގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލީސް އަބީޝޭކް ޖޯރުވާލް ވިދާޅުވީ، ފުލުހުންނަށް ހަމަލާ ދިން މައްސަލާގައި 30 މީހަކު ހައްޔަރު ކޮށްފައިވާކަމަށާ، ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން މުގުރު ބޭނުންކޮށް، ވައިގެ ތެރެއަށް ބަޑިޖަހާފައިވެސް ވާނެ ކަމަށެވެ.

ޖޯރުވާލް ވިދާޅުވީ، ހޮސްޕިޓަލުތަކުގައި މަރުވާ ޕޭޝަންޓުންގެ ހަށިގަނޑު ނައްތާލުމުގެ އުސޫލުތަކެއް ސަރުކާރުން ކަނޑައަޅާފައިވާކަމަށާ، އެ ހަށިގަނޑެއް އަންދާލާނެ ސަރަހައްދު ކަނޑައަޅަނީ މުނިސިޕަލްޓީއިން ކަމަށެވެ.

ޖޯރުވާލް ވިދާޅުވި ގޮތުގައި ފުލުހުންނަށް ހަމަލާދީ، ހަމަނުޖެހުން ހިންގާފައިވަނީ އެ އަވަށަށް ނިސްބަތް ނުވާ މީހަކު، އެ އަވަށުގައި އަންދާތީ ކަމަށާ، ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ހިނގައިދާނެ ކަމަށް އެ އަވަށުގެ މީހުން ބިރު ގަނެފައި ތިބުމުގެ ސަބަބުން ކަމަށެވެ.

ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކަށަވަރުކޮށްފައިވާނެ ކަމުގެ ޔަގީންކަން އަވަށުގެ ރަށްވެހިންނަށް ދީފައިވާނެ ކަމަށާ، އެވަރުންވެސް ފުލުހުންނަށް އޮއްގަލުން ހަމަލާ ދިނީ ކަމަށް ޖޯރުވާލް ވިދާޅުވިއެވެ.

އިންޑިއާގައި ކޮވިޑް-19އާ ދެކޮޅަށް ހަރަކާތްތެރިވާ ޓީމެއް/ފޮޓޯ: ރަފީގު މަގުބޫލު

މަރުވި އަންހެން މީހާގެ ޕޯސްޓްމޯޓަމް ރިޕޯޓަށް ބަލާއިރު، އެމީހާ މަރުވެފައިވަނީ ކޮވިޑް-19 ޖެހިގެންނެއް ނޫނެވެ.

މީގެ ކުރިންވެސް އިންޑިއާގައި މިފަދަ ހާދިސާއެއް ވަނީ ހިނގާފައެވެ. އެގޮތުން ޗެންނާއީގައި ކޮވިޑް-19 ޖެހިގެން މަރުވި ޑޮކްޓަރެއްގެ ހަށިގަނޑު އުފުލަމުންދިޔަ އެމްބިއުލާންސްއަށް އަމާޒުކޮށް ގުރޫޕަކުން ވަނީ ހަމަލާދީފައެވެ. މި ހަމަލާގައި، އެމްބިއުލާންސްގެ ކުރޫއާ، ޑޮކްޓަރުގެ އާއިލާއާއި ރަހުމަތްތެރިންނަށް އެކި ވަރުގެ ޒަހަމްތައްވެސް ވަނީ ލިބިފައެވެ. މި ހަމަލާއާ ގުޅިގެން 20 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކޮވިޑް-19އަކީ މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ބައްޔަކަށް ވާއިރު، މި ބަލީގައި މަރުވާ ޕޭޝަންޓެއްގެ ހަށިގަނޑުންވެސް ވައިރަސް ފެތުރުމުގެ ބާރު އޮންނަ ވާހަކަތައް ދައުރުވަމުންދާއިރު، މި ބަލީގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންކަންވެސް ވެފައިވަނީ ރިސްކު ބޮޑު ކަމަކަށެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 31324 އަށް އަރާފައިވާއިރު، މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1008 އަށް އަރާފައެވެ.

ދިވެހިރާއްޖޭގައިވެސް ވަނީ ކޮވިޑް-19ގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރުމަށް ދިވެހި ދިފާއީ ބާރުގެ ޓީމެއް ތަމްރީނުކޮށްފައެވެ.