ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކާއި ރާއްޖޭގެ ހާލަތާ ބޭހެ މައުލޫމާތު އިނގިރޭސި ވިލާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖެއިން އެޅި ފިޔަވަޅުތަކާއި ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ މައްސަލަތަކުގެ މައުލޫމާތު އިނގިރޭސި ފޮރިން ސެކްރެޓަރީ އަށް ރައީސް ދެއްވާފައި ވަނީ ފޯނު މެދުވެރިކޮށް ކަމަށެވެ. އެގޮތުން ރައީށް ސޯލިހް ވިދާޅުވީ، ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން، އާއްމުންގެ ތެރެއަށް ކޮރޯނާވައިރަސް ފެތުރުން ލަސް ކުރެވުނު ކަމަށެވެ. އަދި އެކަން ލަސްކުރެވިފައި ވުމަކީ ކާމިޔާބީއެއްގެ ގޮތުގައި ރައީސްް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު އިނގިރޭސި ވިލާތުގެ ހާލަތާ ބެހޭ މައުލޫމާތު ވެސް ފޮރިން ސެކްރެޓަރީ ވަނީ ރައީސަށް ދެއްވާފައެވެ. ދެގައުމުގެ ހާލަތުގެ މައުލޫމާތު ހިއްސާކުރެއްވި އިރު އިނގިރޭސި ބޮޑުވަޒީރު ބޮރިިސް ޖޯންސަން އަށް ހެޔޮއެދުންތައް ރައްދު ކޮށްދެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގަތެވެ.

އިނގިރޭސި ބޮޑުވަޒީރު ވަނީ ކޮވިޑް-19 އަށް އަށް ޕޮޒިޓިވް ވެ ރަނގަޅުވެފައެވެ. ބޮރިސްގެ ހާލުކޮޅު ވަރަށް ސީރިއަސްވެ ހޮސްޕިޓަލްގައި ފަރުވާދިން ނަމަވެސް އެ ބަލިން ސަލާމަތްވެ ދާދި ފަހުން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.