ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތުގެ ތެރޭގައި ރާއްޖެ އެތެރެކުރާ ސިއްހީ ދާއިރާގެ ބައެއް ތަކެތީ ޑިއުޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ މާފު ކޮށްދެއްވައިފިއެވެ.

ކަސްޓަމްސުން ބުނީ ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ގޮގުލްސް އާއި ޕްރޮޓެކްޓިވް ގައުންސް އާއި ހަޒްމަޓް ސޫޓްސް އާއި ސާޖަން ކެޕްސް އާއި ޝޫ ކަވަރު ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާ ތަކެތީގެ އިމްޕޯޓް ޑިއުޓީ އިއްޔެ އިން ފެށިގެން ރައީސް މާފުކޮށްދެއްވާފައިވާ ކަމަށެވެ. ރައީސް އެ ނިންމުން ނިންމެވީ މުދާ އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމާއި ރީ-އެކްސްޕޯޓް ކުރުމުގެ ގަވައިދުގެ ހަތްވަނަ މާއްދާގެ ދަށުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ކޮވިޑް-19 ގެ މި ނުރައްކާތެރި ހާލަތާ ގުޅިގެން، މީގެ ކުރިން ވެސް ބައެއް ތަކެތީގެ ޑިއުޓީ މާފުކޮށްދެއްވައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންގި އާއި މާސްކާއި ފޭސް ޝީލްޑާއި އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒާއެވެ.

ރާއްޖެ އެތެރެކުރާ ބާވަތްތަކުގެ ޑިއުޓީ މާފުކުރުމަކީ ގާނޫނީ ގޮތުން ރައީސަށް ލިބިވަޑައިގަންނަވާ ބާރެކެވެ.

ކޮވިޑް-19ގެ ރާއްޖޭގެ ޖާލަތަށް ބަލާއިރު، ރާއްޖެއިން މިހާތަނަށް 228 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވެއެވެ. މީގެތެރޭގައި އެންމެ ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ.