މި އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި ކުރިއަށް ގެންދަން ތާވަލު ކޮށްފައިވާ ރިޔާސީ އިންތިހާބު ފަސްކުރުމަށް ވިސްނަވާފައި ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ހާލަތާ ގުޅިގެން ވައިޓް ހައުސްގައި ޓްރަމްޕް ކުރިއަށް ގެންދަވާ ނޫސްވެރިންގެ ސިލްސިލާ ބައްދަލުވުންތަކުގައި އަމާޒު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވަނީ، އެފަދަ ކަމެއް ކުރައްވަންވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

އިންތިހާބު ފަސްކުރުމުގެ ފިކުރެއް ނުގެންގުޅުއްވާކަމަށް ޓްރަމްޕް ވިދާޅުވިއިރު، ކުރިއަށް އޮތް އިންތިހާބުގައި ޓްރަމްޕާ ދެކޮޅަށް ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ވަނީ، ކޮންމެވެސް ގޮތަކުން ޓްރަމްޕް އިންތިހާބު ފަސްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19އާ ގުޅިގެން އެމެރިކާ ސަރުކާރުން އެކުލަވާލި އާ ދިރާސާ ހުށަހެޅުމުގެ ބައްދަލުވުމުގެ ތެރެއިން ޑޮނާލްޑް ޓްރަމްޕް ބޯޑަކަށް ބަލަހައްޓަވައިގެން/ފޮޓޯ: ގެޓީ އިމޭޖަޒް

ނޫސްވެރިންނާ މުހާތަބުކުރައްވާ، މިކަމަށް ރައްދު ދެއްވާ، ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެ ވާހަކަތަކަކީ ބަޔަކު ހަދައިގެން އުޅޭ ޕްރޮޕަގަންޑާއެއް ކަމަށާ، އިންތިހާބައިގެން ކުރިއަށް ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކުއްލި ހާލެއްގައި ކަމުގައި ވީ ނަމަވެސް އިންތިހާބެއްގެ ތާރީހު ބަދަލު ކުރުމަކީ ރައީސް ކަމުގައި ހުންނަވާ ބޭފުޅެއްގެ އަތްޕުޅުގައި އޮންނާނެ ބާރެއް ނޫނެވެ. އެމެރިކާގެ ގާނޫނު ބުނާ ގޮތުގައި، މި ބާރު އޮންނަނީ ކޮންގްރެސްގައެވެ.

އެމެރިކާގެ ވާދަވެރި ރިޔާސީ އިންތިހާބުގައި ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ޓްރަމްޕް ނިކުންނަވާ މި ދަނޑިވަޅަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ބޮޑެތި ފާޑުކުއުންތަކަކާވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ދަނޑިވަޅެކެވެ.

އެމެރިކާއިން މިލިއަނަކަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެ، ބައި ލައްކައަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެ ގޮސްފައިވާއިރު، މިއީ ގާތްގަނޑަކަށް 20 އަހަރަށް ދެމިގެން ދިޔަ ވިއެޓްނާމް ހަނގުރާމާގައި އެމެރިކާއިން މަރުވި މީހުންނަށްވުރެ އިތުރު އަދަދެއް ކަމުން، ޓްރަމްޕަށް ވެރިކަމުގެ ދެވަނަ ދައުރެއް ހައްގު ތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.