ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކޭސްތަކަކާ ގުޅިގެން އައިސޮލޭޓް ވެފައިވަނީ އެންމެ ވަޒީރެއް ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ، ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިހާރު އޮންލައިންކޮށް ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ނަމަވެސް 3 ވަޒީރަކާ ގުޅޭ 3 ހާދިސާއެއް ހިނގާފައި ވާކަމަށާއި، އެ 3 ހާދިސާގެ ތަފްސީލު އޭނާ ވަނީ މިރޭ ދެއްވާފައެވެ.

މަބްރޫކް ވިދާޅުވީ، އެއް މިނިސްޓަރަކު ވަނީ ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކާ ކޮންޓެކްޓްވި (ސެކަންޑަރީ ކޮންޓެކްޓް) މީހަކާ ބައްދަލުވެފައި ކަމަށެވެ. އަދި އޭނާގެ ނަތީޖާ ލިބެންދެން މި މިނިސްޓަރު ސެލްފް ކަރަންޓީނުގައި ހުންނެވި ކަމަށާއި، ނަމަވެސް އަލާމާތްތައް ފެނުނު ފަރާތް ވަނީ ބައްޔަށް ނެގެޓިވް ވެފައި ކަމަށެވެ.

ދެވަނަ ކޭސްއަކީ، މިނިސްޓަރަކު އުޅުއްވާ އިމާރާތެއް މޮނިޓަރިންގެ ހާލަތަށް ގެންދެވުނު ކޭސްއެކެވެ. ނަމަވެސް އެއީ، މިނިސްޓަރު އުޅުއްވާ ފަންގިފިލާ ނުވަތަ އެޕާޓްމަންޓް ނޫން ކަމަށް ވިޔަސް މުޅި އިމާރާތް އެއްކޮށް މޮނިޓަރިންއަށް ގެންދިއުމުން މިނިސްޓަރު ހުންނެވީ ގޭގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ތިންވަނަ ކޭސްއަކަށް މަބްރޫކް ވިދާޅުވީ، މިނިސްޓަރަކު އިހުސާން ފިހާރައަށް ވަޑައިގެންނެވުމުގެ ސަބަބުން އައިސޮލޭޓް ވުމަށް އަންގަވާފައިވާ ކަމަށެވެ. އަދި އެހެން ކަމުން މިނިސްޓަރު ހުންނެވީ ގޭގައި އައިސޮލޭޝަންގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް މިހެން ވިދާޅުވެފައި ވާއިރު، މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް' އިން ކުރި ސުވާލަކުން ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިިސްޓަރު އަލީ ވަހީދު ވަނީ، ސަރުކާރުގެ ބައެއް ވަޒީރުން ވެސް އައިސޮލޭޝަންގައި ތިބި ކަމަށް ވިދާޅުވެފައެވެ.