ބައެއް ވަޒީރުން ޑައިރެކްޓް ކޮންޓެކްޓާ ގުޅިގެން އައިސޮލޭޝަންގައި އެބަތިބި ކަަމަށް ޓޫރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިއީ ދައުލަތުގެ ވަޒީރުންތަކެއް އައިސޮލެޝަންގައި ތިބިކަން ހާމަ ކުރެއްވި ފުރަތަމަ ފަހަރެވެ.

އައިސޮލެޝަންގައި ވަޒިރުންތަކެއް ތިބިކަން އަލީ ވަހީދު ހާމަ ކުރެއްވި އިރު، އެއީ ކޮންކޮން ވަޒީރުންނެއް ކަމެއް ނުވަތަ ކިތައް ވަޒީރުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި، ބައެއް ވަޒީރުން އައިސޮލޭޝަންގައި ތިއްބަވާތާ މިއަދަށް 12 ދުވަސް ވެއްޖެއެވެ.

ބައެއް ވަޒީރުން އައިސޮލެޝަންގައި ތިއްބެވި އިރު، ބައެއް ވަޒީރުންނަކީ، ކޮވިޑާ ގުޅިގެން ކުރިއަށް ގެންދާ އެކިއެކި މަސައްކަތްތަކުގައި ވަރަށް "އެކްޓިވް" ކޮށް އުޅުއްވާ ވަޒީރުންނެވެ. ބައެއް ވަޒީރުން ފަތުރުވެރިންނާއި، ބިދެސީންނާ ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާފައި ވެއެވެ. އެކިއެކި ކަރްނޓީން ފެސިލިޓީތަކަށް ޒިޔާރަތް ކުރެއްވުމާއި، ފެސިލިޓީތަކުގެ މަސައްކަތް ބައްލަވާ އިނިސްޕެކްޓް ކުރެއްވުމުގައިވެސް އުޅުއްވާފައިވެއެވެ.

މިފަދަ ބައެއް އިވެންޓްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގަންނަވާފައިވާ ކަން ފާހަގަ ކުރެވޭ އިރު، ސަރުކާރުގެ ގިނަ އޮފިޝަނުން ހިމެނި ވަޑައިގަންނަވާ ގޮތަށް މުލިއާގޭގައި ބާއްވަމުން ގެންދިޔަ ބައްދަލުވުމަކީވެސް ބައެއް ވަޒީރުން ބައިވެރިވްވަޑައިގެންނެވި ބައްދަލުވުންތަކެއްކަން ފާހަގަ ކުރެވެއެވެ. އެ ބައްދަލުވުންތަކުގައި ބައެއް ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

ރާއްޖެއިން ކޮވިޑް-19 ފެނި ބަލި ފެތުރެން ފަށާފައި ވާއިރު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ސިފައިންނާއި، ބައެއް ކުންފުނިތަކުގެ މުވައްޒަފުން ހިމެނެއެވެ. އަދި ގިނަ އަދަދެއްގެ ބިދޭސީން ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރޭގައި ޑެލިވަރީ ކުރާ މީހުންނާއި އެނޫންވެސް އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުން ހިމެނެއެވެ.

ވަޒީރުންގެ ތެރެއިން ބަޔަކު އައިސޮލޭޝަނުގައި ތިއްބެވި ނަމަވެސް ސަރުކާރުގެ އެއްވެސް އޮފިޝަލަކު އަދި ޕޮޒިޓިވް ވި ކަން އިއުލާން ކޮށްފައެއް ނުވެއެވެ.