ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ސަރަހައްދުތަކުގައި ކާފިއުގެ މުހުލަތު އިތުރު ކުރުމަށް އަވަށްޓެރި ސްރީލަންކާއިން ނިންމައިފިއެވެ.

ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު ސަރަހައްދުތަކުގައި މެއި 4 ވަނަ ދުވަހުގެ ނިޔަލަށް ފުރިހަމަ ކާފިއުއެއްގެ އަމުރު ތަންފީޒު ކުރަމުންދާ ގޮތަށް ހަމަޖައްސާފައިވާއިރު، މި ސަރަހައްދުތަކުގެ ތެރޭގައި، ވެރިރަށް ކޮޅުނބުވެސް ހިމެނެއެވެ.

ސްރީލަންކާގެ ބައެއް ސަރަހައްދުތަކުގައި ކާފިއުގެ މުހުލަތު އިތުރު ކުރުމަށް ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ އޮފީހުން ނިންމާފައިވަނީ، މިދިޔަ ހުކުރު ދުވަހު ސްރީލަންކާއިން 49 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މިއީ އެއް ދުވަހާ އެންމެ ގިނަ އަދަދެއްގެ ބަޔަކު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި ދުވަސްވެމެއެވެ.

ސްރީލަންކާގައި 25 އިދާރީ ދާއިރާއެއް އޮންނައިރު، ކާފިއުގެ މުހުލަތު އިތުރުކޮށްފައިވާ ސަރަހައްދުތަކަކީ ކޮލަމްބޯގެ އިތުރުން، ގަމްޕަހަ، ކަލުތާރާ އަދި ޕައްޓަލަމްއެވެ.

ސްރީލަންކާ ސަރުކާރުންވަނީ ގޭގެއާއި ހިސާބަށް ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސާދީފަ/ފޮޓޯ: އަދަދޭރަނާ

ދެން އޮތް 21 ސަރަހައްދުގައި މިހާރުވެސް ތަންފީޒު ކުރަމުންދާ ކާފިއުގެ އަމުރަށް ލުއިދޭން ފަށަން ހަމަޖެހިފައިވަނީ މާދަމައިން ފެށިގެން މެއި 1 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިއީ ފުރިހަމަ ލިޔެއް ނޫންކަމަށާ، މިއީ ވަކި މިންގަނޑެއްގެ ތެރޭގައި ދެވޭނެ ލުޔެއް ކަމަށް ޚަބަރު ލިބެއެވެ. އެގޮތުން ކާފިއުއަށް ލުއި ލިބޭނީ ކޮންމެ ދުވަހަކުވެސް ފަތިހު 05:00 އިން ފެށިގެން ރޭގަނޑު 08:00ގެ ނިޔަލަށް ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ސްރީލަންކާގެ ސަރުކާރުން ވަނީ އާންމު އަދި އަމިއްލަ މުއައްސަސާތައް، މެއި 4 ވަނަ ދުވަހުން ފަށައިގެން އޮޕަރޭޓް ކުރެވޭނެ ކަމަށް ބުނެފައެވެ.

ކަންމިހެން އޮތްއިރު، އިއްޔެވެސް ސްރީލަންކާއިން 15 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއަދު 8 މީހަކު ޕޮޒިޓިވްވެފައިވާއިރު ސްރީލަންކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 460 އަށް އަރާފައެވެ.