އިއްޔެއާއި އޭގެ ކުރީ ދުވަހު ރާއްޖެއިން ޖުމްލަ 701 ބިދޭސީން ފުރައިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ، މި މަހުގެ 25 އަދި 26 ވަނަ ދުވަހު ރާއްޖެއަށް އައި އިވެކުއޭޝަން ފްލައިޓުތަކުން ފުރުމުގެ ހުއްދަ ދީގެން ޖުމްލަ 701 ބިދޭސީން އެނބުރި އެ ފަރާތެއްގެ ގައުމުތަކަށް ފުރާފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި ގިނައިން ހިމެނެނީ ބިދޭސީ މަސައްކަތް ތެރިން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިވެކުއޭޝަން ފުލައިޓްތައް ފޮނުވާފައި ވަނީ އިޓަލީންނާއި އިންޑޮނޭޝިއާ އަދި ފިލިޕީންސުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މި މަހުގެ 21 ވަނަ ދުވަހު ބަންގްލަދޭޝްއަށް ނިސްބަތްވާ 68 ފަރާތެއްވެސް ވަނީ ބަންގްލަދޭޝް އެއާފޯސް ގައި ފުރުވާލާފައެވެ. މީގެ ތެރޭގައި އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ޑިޓެންޝަން ސެންޓަރުގައި ތިބި 29 ބިދޭސީއެއް ވެސް ހިމެނެއެވެ.
ކޮވިޑް-19 ފެތުރެމުން ދާތީ މުޅި ރާއްޖެ ވަނީ ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ. މިހާތަނަށް ޖުމްލަ 137 ފަރާތެއް މި ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު އޭގެތެރޭގައި ހިމެނެނީ 68 ދިވެހިންނާއި 69 ބިދޭސީންނެވެ.