އެންމެ ރަނގަޅު ވަގުތުގައި އިއުލާންކޮށް ތަންފީޒުކުރެވިގެންދިޔަ ލޮކްޑައުންގެ އަމުރާ، ބައިނަލްއަގުވާމީ ވައިގެ އުދުހުންތައް މެދުކަނޑާލުމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރިގެން ދިއުން ކޮންޓްރޯލް ކުރެވެން ފަށާފައިވާކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.
މި ފިޔަވަޅުތައް މި ވަގުތުތަކުގައި ތަންފީޒު ކުރަން ނުފެށިނަމަ އެގައުމުގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 100000 އަށްވުރެ މިހާރު މައްޗަށް އެރީސް ކަމަށްވެސް އިންޑިއާގެ ސަރުކާރުން ބުނެއެވެ.
އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 24530އެވެ.
ފާއިތުވީ 3 ވަރަކަށް ދުވަހުގެ މުއްދަތަށް ބަލާއިރު، އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދެގުނަ ވަމުންދިޔަ ނިސްބަތްވެސް 10 ދުވަހުގެ މުއްދަތަށް ލަސްކުރެވިފައިވާކަމަށްވެސް އިންޑިއާގެ ސަރުކާރުން ހުކުރު ދުވަހު ވަނީ ބުނެފައެވެ.
އިންޑިއާ ސަރުކާރުގެ ޕޮލިސީ ތިންކް ޓޭންކް ނިޓީ އާޔޯގްގެ މެމްބަރު ޑރ ވީކޭ ޕޯލް ވިދާޅުވީ، އިންޑިއާގެ ނޭޝަނަލް ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް އިން ކުރަމުންދާ ބުރަ މަސައްކަތްތުން 950000 މީހެއްގެ ސާވޭލަންސް މަސައްކަތް ކުރެވިފައިވާކަމަށެވެ.
ޑރ ޕޯލް ވިދާޅުވީ ލޮކްޑައުންގެ ފުރިހަމަ އަސަރު ފެންނަން ފެށީ އޭޕްރިލް 6 ވަނަ ދުވަހުން ފަށައިގެން ކަމަށާ، މެއި މަހުގެ މެދަކާ ޖެހެންދެން މި އަސަރުތައް ފެންނަމުންދާނެ ކަމަށެވެ.
އެމްޕަވާޑް ކޮމިޓީ އޮން އެމާޖެންސީ ރެސްޕޯންސްގެ އިސްވެރިޔާގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ޑރ ޕޯލް އިތުރަށް ވިދާޅުވީ، އިންޑިއާގެ ކޮވިޑް-19ގެ ދަތުރުގައި ފާހަގަކޮށްލެވޭ 2 ތާރީހެއް ވާކަމަށެވެ. އެއީ މާޗް 23 ވަނަ ދުވަހާ އޭޕްރިލް 6 ވަނަ ދުވަސްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މާޗް 23 ވަނަ ދުވަހަކީ ފުރިހަމަ ލޮކްޑައުންއަކަށް އިންޑިއާ ދިއުމުގެ 1 ދުވަސް ކުރިއެވެ.
މިމޭރުމުން ވާހަކަދައްކަވަމުން ޑރ ޕޯލް ވިދާޅުވީ، އިންޑިއާގެ ކޮވިޑް-19 ކާވް 'ފްލެޓް' ވާން ފަށާފައިވާކަމަށެވެ.
ހުސްވި މާޗް މަހަށް އިޝާރަތް ކުރައްވަމުން ޑރ ޕޯލް ވިދާލުވީ މާޗް މަހުގެ 21 ހިސާބުގައި އިންޑިއާއިން ކޮވިޑް-19ގެ ކޭސްތައް ދެގުނަ ވަމުން ދިޔައީ 3 ދުވަހުން ކަމަށާ، މާޗް 23 ވަނަ ދުވަހު އިރުޝާދުތަކަށް ގެނެވުނު ބަދަލާއެކު، ދެގުނަ ވަމުން އައި ނިސްބަތް 5 ދުވަހަށް ބަދަލުވި ކަމަށެވެ.
އިންޑިއާގެ އެންސީޑީސީއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ކޮވިޑް-19ގެ ކޭސްތައް ދެގުނަ ވަމުން އައީ އަންނަނިވި ގޮތަށެވެ.
- މާޗް 24 – މާޗް 30: 5.2 ދުވަހުން
- މާޗް 31 – އޭޕްރިލް 06: 4.2 ދުވަހުން
- އޭޕްރިލް 14 – އޭޕްރިލް 20: 8.6 ދުވަހުން
- ހުކުރު ދުވަހުގެ ކުރިއަށް ފާއިތުވީ 3 ދުވަސް: 10 ދުވަހުން
ކަންމިހެން އޮތްއިރު ފާއިތުވީ 28 ދުވަހާ 14 ދުވަހާ ދެމެދު ހޭދަވީ މުއްދަތުގައި ކޮވިޑް-19ގެ އާ ކޭސްތައް ރިޕޯޓްކޮށްފައި ނުވާ ޑިސްޓްރިކްޓްތަކުގެ ލިސްޓަށް ގިނަ ސަރަހައްދުތަކެއް ވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވީ 28 ދުވަހު ކޭހެއް ރިޕޯޓްކޮށްފައި ނުވާ ޑިސްޓްރިކްޓްތަކުގެ އަދަދު 15 އަށް އަރާފައިވާއިރު، 14 ދުވަހުގެ ތެރޭގައި އާ ކޭހެއް ރިޕޯޓް ނުކުރާ ޑިސްޓްރިކްޓްތަކުގެ އަދަދު 80 އަށް އަރާފައިވާކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީ ލާވް އަގަރުވާލް ވަނީ ހާމަކުރައްވާފައެވެ.