ތަންތަން ޑިސްއިންފެކްޓް ކުރަން ބޭނުންކުރާ މާއްދާތައް އިންސާނާގެ ހަށިގަނޑަށް އިންޖެކްޓް ކޮށްގެން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ފަރުވާއެއް ލިބިދާނެތޯ ބެލުމުގެ ދިރާސާތައް ކުރިއަށް ގެންދިއުމަށް ދެއްވި އިރުޝާދާއެކު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް، ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވަރަށް ބޮޑަށް ފާޑުކިއަން ފަށައިފިއެވެ.
ޓްރަމްޕް ވަނީ ކޮވިޑް-19ގެ ޕޭޝަންޓުންގެ ހަށިގަނޑު އަލްޓްރާވައިލެޓް (ޔޫވީ) ރޭޑިއަޝްންއަށް އެކްސްޕޯޒް ކޮށްގެން ފަރުވާ ކުރެވިދާނެ ކަމަށްވެސް ހިޔާލުދެއްވާފައެވެ. ނަމަވެސް ޓްރަމްޕް މިކަން ހާމަކުރެއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޑޮކްޓަރަކު ވަނީ އެކަން އެހެން ނުކުރުމަށް އިރުޝާދު ދެއްވާފައެވެ.
ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަފުޅުދައްކަވާފައިވަނީ އެމެރިކާގެ ސަރުކާރުން ކުރިއަށް ގެންދިޔަ ދިރާސާއަކާ ހަވާލާދެއްވައެވެ. އެމެރިކާގެ ސަރުކާރުގެ ފަރާތުން މި ދިރާސާ އާންމުކުރެއްވީ ދާހިލީ ސާލަމާތާ ބެހޭ ވުޒާރާގެ ސައެންސް އެންޑް ޓެކްނޮލޮޖީ ޑައިރެކްޓަރޭޓްގެ އެކްޓިންގް ހެޑް ވިލިއަމް ބައިރަންއެވެ.
ކަންމިހެން އޮތްއިރު ޓްރަމްޕްގެ އޮފިޝަލަކު ވަނީ ޑިސްއިންފެކްޓް ކުރަން ގެންގުޅޭ މާއްދާތަކާ، އިރުގެ އަތްވިން ކޮވިޑް-19ގެ ވައިރަސް މަރާލާކަން ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.
ނަމަވެސް ފާހަގަކުރަން ޖެހޭ ކަމަކީ ޑިސްއިންފެކްޓްކުރަން ބޭނުންކުރާ މާއްދަތަކަކީ ހަށިގަނޑުގެ އެތެރެއަށް ގޮސްފިނަމަ ފުރާނައަށްވެސް ގެއްލުންވާފަދަ ނުރައްކާތެރި މާއްދާތަކެއް ކަމެވެ. މީގެ އިތުރުން ގައިގެ ހަންގަނޑާ، ލޯ އަދި ނޭވާލާ ނިޒާމުގެ ތެރެއަށް މިފަދަ މާއްދާތައް ދިއުމަކީވެސް ނުރައްކާތެރި ކަމެކެވެ.
ޓްރަމްޕްގެ ވާހަކަފުޅުތަކާ ގުޅިގެން ސިއްހީ ތަޖުރިބާކާރުން ދަނީ މިއީ ފުރާނައަށް ގެއްލުން ބޮޑު ކަންތައްތަކެއްކަން ބަޔާންކޮށްދެއްވަމުންނެވެ. ޕަލްމޮނޮލޮޖިސްޓް ޑރ ވިން ގުޕްތާ ވިދާޅުވާ ގޮތުގައި، މިފަދަ ކަންކަމަކީ ޒިންމާދާރުކަން ކުޑަ އަދި އިންތިހާއަށް ނުރައްކާ ބޮޑު ކަންތައްތަކެއްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުންވެސް ގިނަ އަދަދެއްގެ ސިއްހީ ތަޖުރިބާކާރުން ގެންދަވަނީ ޓްރަމްޕްގެ ވާހަކަފުޅުތަކާ ދެކޮޅަށް ސޯޝަލް މީޑިއާގައި އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތްތައް ކުރައްވަމުންނެވެ.
އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 886709 އަށް އަރާފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 750544 ކޭސްއެއް ރެކޯޑްކޮށްފައިވާއިރު 14997 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ޚަބަރު ލިބެއެވެ. އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 50243 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ފަރުވާ ހޯދައިގެން ޝިފާ ލިބުނު މީހުންގެ އަދަދު 85922 އަށް އަރާކަމަށް ރެކޯޑްތަކުން ދައްކައެވެ.