ދުނިޔޭގެ އެކި ކަންކޮޅުތަކުން 210 އަށް ވުރެ ގިނަ ގައުމާ ސަރަހައްދުން ފެނިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރަމުންދާ ވެކްސިންތަކުގެ ތެރެއިން ވެކްސިންއެއް، އިނގިރޭސިވިލާތުން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓު ކުރަން ފަށައިފިއެވެ.

މިއީ ވިލާތުގެ ގައުމެއްގައި އިންސާނުންގެ ހަށިގަނޑުގައި ވެކްސިން ޓެސްޓު ކުރަން ފެށި ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގައި މި ތަހުލީލު ކުރިއަށް ގެންދަން ފަށާފައިވާއިރު، 2 ވޮލަންޓިއަރަކަށް ވެކްސިން ޑޯޒް ވަނީ ދީފައެވެ.

މި ދިރާސާގައި ބައިވެރިވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ދޭނީ ކޮވިޑް-19އަށް ތައްޔާރުކޮށްފައިވާ ވެކްސިންއެވެ. އަނެއް ބަޔަށް ދޭނީ މެނިންޖައިޓިސްއިން ދިފާއު ހޯދާދޭ ވެކްސިންއެކެވެ.

މި ތަހުލީލު ފަރުމާކޮށްފައިވަނީ ވޮލަންޓިއަރުންގެ ހަށިގަނޑަށް ޖަހާފައިވަނީ ކޮން ވެކްސިންއެއް ޑޯޒްއެއްކަން ނޭނގޭ ގޮތަށެވެ. މި މައުލޫމާތު އޮންނަނީ ޑޮކްޓަރުގެ އަތުގައެވެ.

މި ވެކްސިންއަކީ މަޝްހޫރު އޮކްސްފޯޑް ޔުނިވާސިޓީގައި ތަރައްގީ ކުރި ވެކްސިންއެކެވެ. 3 މަސްދުވަހަށްވުރެ ކުރު މުއްދަތެއްގައި ތަރައްގީ ކުރި މި ވެކްސިންގެ ކްލިނިކަލް ޓްރަޔަލް ނުވަތަ އިންސާނުންގެ ހަށިގަނޑުގައި ކުރާ ތަހުލީލުތައް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ޖެނާ އިންސްޓިޓިއުޓްގެ ޕްރޮފެސާ އޮފް ވެކްސިނޮލޮޖީ ސޭރާ ގިލްބާޓްއެވެ.

ޕްރޮފެސާ ސޭރާ ގިލްބާޓް ވިދާޅުވީ، މި ވެކްސިންއާ މެދު ބޮޑު އުއްމީދެއް އެބައޮތްކަމަށެވެ.

އޮކްސްފޯޑްގެ ޓީމުންވަނީ މިފަހަރުވެސް ބޭނުންކުރި އުކުޅުތައް ބޭނުންކޮށްގެން މާސް ރޯގާއަށްވެސް ވެކްސިންއެއް ތައްޔާރުކޮށްފައެވެ.

ދިރާސާ ޓީމުން މި ފަހަރުގެ ވެކްސިން ތަހުލީލު ކުރުމުގައި ވޮލަންޓިއަރުން ހޮވުމުގައި އިސްކަން ދެނީ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން މީހުން ހޮވުމަށެވެ. އެހެނީ، އެނޫން މީހުންނަށްވުރެ ބޮޑަށް ސިއްހީ ހިދުމަތްތެރިން ވައިރަހަށް ހުށަހެޅިފައިވާނެތީ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ދިރާސާގައި 5000 އެއްހާ ވޮލަންޓިއަރުން ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ވެކްސިން ކާމިޔާބު ވެއްޖެނަމަ ސެޕްޓެމްބަރު މަސް އަންނައިރު 1 މިލިއަން ޑޯޒް ތައްޔާރު ކުރުމަށް ސައެންސްވެރިން ވަނީ އަމާޒު ހިފާފައެވެ. އަދި ދުވަސްވާވަރަކަށް ޔުނިޓް އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

އިނގިރޭސިވިލާތުގައި މަސައްކަތް ކުރަމުންދާ އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ޓީމަކުން ދަނީ، މިއަހަރުގެ ޖޫން މަހު އިންސާނުންގެ ހަށިގަނޑުގައި އިތުރު ވެކްސިންއެއް ތަހުލީލު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންނެވެ.

އޮކްސްފޯޑް އަދި އިމްޕީރިއަލްގެ ދިރާސާއަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ގާތްގަނޑަކަށް 40 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.