ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ފަރުވާއެއްގެ ގޮތުގައި ތަހުލީލު ކުރަމުން ދިޔަ އެންޓިވައިރަލް ޑްރަގެއް ކަމަށްވާ ރެމްޑެސިވިއާ ބޭނުން ކޮށްގެން އިންސާނުންގެ ހަށިގަނޑުގައި ކުރި ފުރަތަމަ ޓްރަޔަލް ފެއިލް ވެއްޖެއެވެ.
ރެމްޑެސިވިއާއަކީ ކޮވިޑް-19އަށް އެންމެ އެކަށޭނަ ފަރުވާ ކަމަށް ގިނަ ބަޔަކު ދިޔައީ އިއްތިފާގު ވަމުންނެވެ.
ނަމަވެސް ޗައިނާގައި ކުރިއަށް ގެންދިޔަ އިމްތިހާނަށް ބަލާއިރު، މިއީ ކާމިޔާބު ޑްރަގެއް ނޫންކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އޮޅުމެއްގެ ތެރޭގައި ޝާއިއުކުރި ލިޔެކިއުން ތަކަކުން ހާމަވެފައި ވާކަމަށް ބީބީސީއިން ވަނީ ރިޕޯޓް ކޮށްފައެވެ.
މި ލިޔެކިއުންތަކާ ހަވާލާދީ ބީބީސީއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ރެމްޑެސިވިއާގެ ސަބަބުން ޕޭޝަންޓުންގެ ހާލު ރަނގަޅެއް ނުވެއެވެ. އަދި ލޭގެ ތެރޭގައި ދައުރުވަމުން ދާ ޕެތޯޖަންސްއަށް ވެސް ބަދަލެއް އައިސްފައި ނުވާކަމަށް ބަޔާންކޮށްފައި ވެއެވެ.
ރެމްޑެސިވިއާ އުފައްދާ ކުންފުނި ގިލިއަޑް ސައެންސަސް އިން ބުނީ، ދިރާސާގައި އޮޅުންތަކެއް ހުރި ކަމަށެވެ.
ދިރާސާއާ ބެހޭ ގޮތުން އެނގެނީ ކޮންއެއްޗެއް؟
އިމްތިހާނުން ރެމްޑެސެވިއާ ފެއިލްވި ޚަބަރު ފެތުރެން ފެށީ، އެކަމާބެހޭ ތަފްސީލިތަކެއް ޑަބްލިއު.އެޗް.އޯގެ ކްލިނިކަލް ޓްރަޔާލް ޑޭޓާ ބޭސްގައި އޮޅިގެން ޝާއިއުކުރި ހިސާބުންނެވެ. ޑަބްލިއު.އެޗް.އޯއިން ވަނީ މިއީ އޮޅުމެއްގެ ތެރެއިން ހިނގި ކަމެއްކަމަށް އިއުތިރާފު ވެފައި ވާކަމަށް ބީބީސީއިން ބުނެއެވެ. ޑަބްލިއު.އެޗް.އޯއިން މިހާރު ވަނީ މި ދިރާސާގެ ލިޔެކިއުންތައް ޑޭޓާބޭސްއިން ނަގާފައެވެ.
އާންމުވި މައުލޫމާތާ ހަވާލާދީ ބީބީސީއިން ބުނީ ދިރާސާގައި ބައިވެރި ކޮށްފައި ވަނީ 237 ޕޭޝަންޓްއެއް ކަމަށެވެ. އަދި ބޭސް ދީފައިވަނީ މީގެ ތެރެއިން 158 ޕޭޝަންޓުންނަށް ކަމަށާ، އަނެއް 79 މީހުންނަށް ދީފައިވަނީ 'ޕްލަސީބޯ' ނުވަތަ ރެމްޑެސިވިއާ ނޫން ޑްރަގެއް ކަމަށްވެއެވެ.
އިމްތިހާނު ފެށިތާ 1 މަސްދުވަސް ވީއިރު، ޑްރަގް ދިން ޕޭޝަންޓުންގެ ތެރެއިން 13.9 ޕަސެންޓް ޕޭޝަންޓުން މި ދުނިޔެއާއި ވަކިވެއްޖެއެވެ. ޕްލަސީބޯ ދިން ގުރޫޕުން މަރުވީ 12.8 ޕަސެންޓް ޕޭޝަންޓުންނެވެ. ކަނޑައަޅާފައިވާ މުއްދަތަށްވުރެ އަވަހަށް މި އިމްތިހާނު ހުއްޓާލީ ސައިޑް-އިފެކްޓްތަކުގެ ސަބަބުން ކަމަށްވެސް ބީބީސީއިން ބުނެއެވެ.
ގިލިއަޑް ސައެންސަސްގެ ބަސް
ގިލިއަޑް އިން ވަނީ ޑަބްލިއު.އެޗް.އޯގެ ވާހަކަތަކާ ދެކޮޅު ހަދާފައެވެ. އެގޮތުން އިމްތިހާނުގެ މުއްދަތު ކުރުކޮށްލީ، އެ އިމްތިހާނުގައި ބައިވެރިވާ ޕޭޝަންޓުންގެ އަދަދު މަދުވެ، ތަފާސް ހިސާބުތަކުގެ ގޮތުން ބަލާއިރު ބާރުގަދަ ނަތީޖާއެއް ނެރެވެން ނެތުމުން ކަމަށް ގިލިއަޑް އިން ބުނެއެވެ.
ރެމްޑެސިވިއާއަކީ ނާކާމިޔާބު ބޭހެއް ކަމަށް ބުނުމުގެ ބަދަކުގައި ގިލިއަޑް އިން ބުނަމުން ދަނީ ދިރާސާގެ ނަތީޖާ ވަކިކޮޅަކަށް ނިމިފައި ނުވާކަމަށެވެ. އަދި މިއީ މި ޑްރަގްގެ ނިމުން ނޫންކަމަށްވެސް އެ ކުންފުނިން ވަނީ އިޝާރާތް ކޮށްފައެވެ.
ކޮވިޑް-19އަށް އަދި މިހާތަނަށް ކަނޑައެޅިގެން އެއްވެސް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. މި ބަލީގެ ޝިކާރައަކަށް ވާ މީހުންނަށް ފަރުވާ ދެމުންދަނީ އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ.
ޖިލީޑެއް ނޫން. ގިލިއެޑް
ދިވެހި ބަހުން ޕޭޝަންޓް އަށް ކިޔަނީ ބަލިމީހުން. ޑްރަގަށް ކިޔަނީ ބޭސް.