ރާއްޖެއިން ކޮވިޑް19 ފެތުރެމުންމިދާ ދަނޑިވަޅުގައި ރޯދަމަސް ފެށޭ އިރު، ކާބޯތަކެތި އިގްތިސޯދުކޮށްގެން އިސްރާފްކުރުމާ ދުރުހެލިވެ، ބޭކާރު ހަރަދު ކުރުން ހުއްޓާލަންޖެހޭ ވަގުތަކީ މިއީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި އުނދަގޫ ދަތި ހާލަތުގައިވެސް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ، ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތް ކާމިޔާބު ކުރުމުގައި، ލޮބުވެތި ރައްޔިތުންގެ އެހީތެރިކަން ސަރުކާރަށް ނިހާޔަތަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިސްރާފު ކުރުން މަދުކޮށް އިގްތިސޯދު ކުރުމަށް ބާރުއަޅުއްވާ އެމަނިކުފާނު ވިދާޅުވީ ރޯދައިގެ އަޅުކަމުން ލިބޭ އެންމެ ވަރުގަދަ ފިލާވަޅަކީވެސް، ކާބޯތަކެތި އިގުތިސޯދުކޮށް އިސްރާފުނުކުރުމާއި ބޭކާރު ހަރަދުތައް ހުއްޓާލައި ފަހަށް ރައްކާކުރުމުގެ މަތިވެރި ސިފަ ކަމަށެވެ. މި ސިފަތައް ނަފުސުގައި ހަރުލެއްވުމަށް މި ހާލަތުގެ ބޭނުން ހިފުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

"މިއީ، އަޅުގަނޑުމެންގެ އަތުގައި ހުރި ފުދުންތެރިކަމާއި ވަސީލަތްތައް، އެންމެ ފުރިހަމައަށް އިގްތިސޯދުކޮށް އިސްރާފުކުރުމާ މުޅިން ދުރުހެލިވާންވީ އެންމެ މުހިންމު ވަގުތު،" ރައީސް

ރައީސް ވިދާޅުވީ ރަމަޟާން މަހަކީ ކީރިތި ގުރްއާނުގެ މައްސަރު ކަމަށްވާއިރު، އެ މާތް ފޮތް އުނގަންނައިދޭ އެންމެ މަތިވެރި އަހުލާގީ ސިފަތަކަކީ، އަނެކުންނަށް އޯގާތެރިވުމާއި، ފަގީރުންނާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި ނިކަމެތީންނަށް ހެޔޮފޯރުވުން ކަމަށެވެ. މި ދަތިހާލަތުގައި އަނެކުންގެ ހިތާމަތައް ފިލުވައިދީ، ދީލަތިވެ އެހީތެރިކަން ފޯރުވުމަކީ މި މާތް މައްސަރުގެ ދަރުމައާއި ސަވާބު ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައި ސަމާލުވާންޖެހޭ ކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ގެއިން ނުނިކުމެ ތިބެން ޖެހުނަސް، އަޅުގަނޑުމެންގެ ހައްގުގައި އާއިލާއާއި ގާތްތިމާގެ މީހުންނާ ވަކިން، ވަރަށް މުހިންމު އަދި އެހާމެ ބުރަ މަސައްކަތްތަކެއް ކުރާ ބަޔަކު އެބަ ތިބިކަން ހަނދާންކުރަންޖެހޭ ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނާއި، ޑެލިވަރީގެ ހިދުމަތް ދޭ މީހުން ކުރާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ފަރާތްތަކުން ކުރަމުން އެދަނީ، އެ ކަންކަމުގެ އަގު އަދާކުރެވޭ ވަރަށްވުރެ މާ މަތިވެރި ހިދުމަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ގެގައި ނަމާދުކޮށް ގުރުއާން ކިޔަވައި ﷲ އަށް ދުއާ ދެންނެވުމަށް ރައީސް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.