ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ދެކޮޅަށް ދިވެހިރާއްޖެ އިން ކުރަމުންދާ މަސައްކަތްތަކަށް އެހީވެ ދިނުމުގެ ގޮތުން، 28.9 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މާލީ އިދާރާ (އައި.އެމް.އެފް)ގެ ބޯޑުން ފާސްކޮށްފިއެވެ.
މި އެހީއަކީ އައި.އެމް.އެފްގެ ރެޕިޑް ކްރެޓިޑް ފެސިލިޓީ (އާރް.ސީ.އެފް) ނުވަތަ އަވަސް ކްރެޑިޓް ފެސިލިޓީގެ ތެރެއިން، ރާއްޖޭގެ ބެލަންސް އޮފް ޕޭމަންޓްއާއި ފިސްކަލް ކަންކަމަށް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކޮށްފައިވާ ނޭދެވޭ އަސަރު ފޫބެއްދުމަށް އެހީއެއްގެ ގޮތުން ފޯރުކޮށްދޭ މިންވަރެއް ކަމަށް އައި.އެމް.އެފްއިން އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ.
އައި.އެމް.އެފްއިން އާންމުކޮށްފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މި ކްރެޑިޓް ފެސިލިޓީއަކީ ކޮވިޑް-19ގެ ސަބަބުން އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދޫކޮށްފައިވާ 30 ވަނަ އެހީގެ ޕެކޭޖުކަމަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައިސްފައިވާއިރު، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ދަށްވެ، ބެލަންސް އޮފް ޕޭމަންޓްއަށް ނޭދެވޭ އަސަރެއް ކުރާކަންވެސް އެ ޖަމިއްޔާއިންވަނީ ފާހަގަކޮށްފައެވެ.
ހަމަމިއާއެކު ބަލިމަޑުކަމާއެކު ކުރިމަތިވެދާނެ ގެއްލުން ކުޑަކޮށް، ދަތިތައް ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ހަލުވި ދުވެއްޔެއްގައި ފިޔަވަޅުތައް އަޅަން ފަށާފައިވާކަމަށާ، ކާރިސާގެ މި ދަނޑިވަޅުގައި ބައިނަލްއަގުވާމީ އެއްބާރުލުމަށް ދިވެހިރާއްޖެ ބޭނުންވެފައިވާކަންވެސް އައިއެމްއެފްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ދެކޮޅަށް ދިވެހިރާއްޖެ އިން ކުރަމުންދާ މަސައްކަތްތަކަށް އެހީވެ ދިނުމުގެ ގޮތުން، 28.9 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް އައި.އެމް.އެފްގެ ބޯޑުން ފާސްކުރުމަށްފަހު އެ ޖަމިއްޔާގެ ޑެޕިއުޓީ މެނޭޖިންގް ޑައިރެކްޓާ އަދި ޗެއާމަން ޓާއޯ ޝާންގް ވަނީ ހާއްސަ ބަޔާނެއްވެސް ދެއްވާފައެވެ.
އިގުތިސޯދީ ގެއްލުންތައް ކުޑަކުރުމަށް ދިވެހި ސަރުކާރުން އެދެވޭ ދުވެއްޔެއްގައި ފިޔަވަޅުތައް އެޅިކަމުގައި ވީނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައިސްފައި އޮތުމުން ކުރިމަތިލާންޖެހިފައިވާ އިތުރު ގޮންޖެހުންތަކުން އަރައިގަތުމަށް އޮތް މާލީ ހީނަރުކަމަށް އައި.އެމް.އެފްގެ އެހީގައި ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެކަން ޓާއޯ ވަނީ ފާހަގަކުރައްވާފައެވެ.
ކްރެޑިޓް ފެސިލީޓިއަކީ ލޯނު އުސޫލުން ދުކުރާ އެހީއެކެވެ. ނަމަވެސް އާންމު ލޯނުތަކާ ކްރެޑިޓް ފެސިލިޓީ ތަފާތުވަނީ، ލޯނެއް ނަމަ އެ ނަގާ ޖުމުލަ އަދަދަކަށް އިންޓްރެސްޓް ދައްކަން ޖެހުމެވެ. ކްރެޑިޓް ފެސިލިޓީ އުސޫލުން ދޫކުރާ ލޯނު އަދާ ކުރާނީ، ފައިސާ ބޭނުންކޮށްފައިވާ މިންވަރަކުންނެވެ.
ރާއްޖެއިން ބޭރުން ލޯނު އެހީ އާއި، ހިލޭ އެހީ ހޯދުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށާއި، މިކަމުގައި ވެސް އެކުވެރި ގައުމުތަކުންނާއި، މާލީ އިދާރާތަކުން ވަނީ ފެހި ސިގްނަލް ލިބިފައި ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ހާމަކުރައްވާފައެވެ.