މިއަދު މުޅި ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަކީ، އިންސާނީ ހައްގުތައް ނިގުޅިގެން ދިއުމުގެ ކާރިސާއަކަށް ވެދާނެ ކަމުގެ އިންޒާރު އދއިން ދީފިއެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ، މި ދަނޑިވަޅަކީ ބައެއް ގައުމުތަކުން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ނާޖާއިޒު ފައިދާ އުޒުރަކަށް ހަދައިގެން، އެ ގައުމުތަކުން ގެންގުޅޭ ފިއްތުންތަކުގެ ފިޔަވަޅު އިތުރަށް ވަރުގަދަކުރުމުގެ ފުރުސަތު އޮތް ވަގުތެއް ކަމަށާ، މިއީ ބަލިމަޑުކަމާ ގުޅުމެއް ނެތް ފިޔަވަޅުތަކެއް ޒަރިއްޔާއިން ބައެއް ގައުމުތަކުގައި އިންސާނީ ހައްގުތައް ނިގުޅައި ގަތުމުގެ ކާރިސާއެއް ފެށިދާނެ ވަގުތެއް ކަމަށެވެ.

ގުޓެރޭޒްވަނީ، މިއަދު ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ސިއްހީ، އިގުތިސޯދީ އަދި އިޖުތިމާއީ ކާރިސާއިން އަރައިގަތުމުގައި އިންސާނީ ހައްގުތަކުގެ މަގުން އިރުޝާދު ހޯދުމުގެ މުހިންމު މައްޗަށް ބިނާކޮށް ރިޕޯޓެއް އާންމު ކުރައްވާފައެވެ. މިމޭރުމުން ގުޓެރޭޒް ވަނީ، ކޮވިޑް-19 ވައިރަސްއަކީ ވަކި ތަފާތުކުރުންތަކެއް ގެންގުޅޭ ވައިރަހަކަށް ނުވި ކަމުގައި ވީ ނަމަވެސް، އޭގެ އަސަރުތަކަކީ ތަފާތުކުރުންތަކެއް ގެންގުޅޭ ކަމެއް ކަން ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ސަބަބުން ބައެއް މުޖުތަމައުތަކަށް ބޮޑެތި ތަފާތުކުރުންތަކަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވާ ގުޓެރޭޒް ވިދާޅުވީ، ނަފުރަތު އުފައްދަނިވި ވާހަކަތަކާ، ނާޒުކުރު ގުރޫޕުތަކަށް އަމާޒުކޮށްގެން ދެވޭ ހަމަލާތައް އެބަހުރިކަން ފާހަގަކުރައްވާފައެވެ.

ވަކިން ހާއްސަކޮށް ހިޖުރަވެރިންނާ، ރެފިއުޖީންނާ އަމިއްލަ ވަޒަނުގައި ގެދޮރުގެއްލިފައިވާ މީހުންނަކީ ނާޒުކު ގިންތިއަށް ފެތޭ ގުރޫޕުތަކެއްކަން އދގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. 131 ގައުމަކުން ބޯޑަރު ބަންދުކޮށްފައިވާއިރު، ހިމާޔަތް ހޯދަން އެދިގެން އަންނަ މީހުންނަށް ބޯޑަރު ހުޅުވާލާފައިވަނީ އެންމެ 30 ގައުމުން ކަންވެސް އދގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އިންސާނީ ހައްގުތަކަށް ނުރައްކާވާ ކަންތައްތަކެއް ކޮވިޑް-19އާ ގުޅިގެން ހިނގަމުންދާކަން ފާހަގަކުރައްވަމުން ގުޓެރޭޒްވަނީ، މިއީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ.

ކޮވިޑް-19އާ ކުރިމަތިލާން ޖެހިފައިވާ ދަތި، އުނދަގޫ، ހައްސާސީ ހާލަތާއެކު ކުރިމަތިވަމުން އަންނަ މައްސަލަތަކަށް ހައްލު ނުހޯދިއްޖެނަމަ މަދަނީ ބަސްނޭހުމެއް އުފެދިދާނެ ކަމުގެ އިންޒާރުވެސް އދގެ ރިޕޯޓްގައިވަނީ ދީފައެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަށީގެންވާ ނުވާ ގަދަފަދަ ބާރާއެކު ސަލާމަތީ ފިޔަވަޅުތަކެއް ވަރުގަދަކުރެވިގެން ހިނގައިދާނެ ކަމަށްވެސް އދގެ ރިޕޯޓްގައި ވަނީ އިންޒާރުކޮށްފައެވެ.