މިއަހަރުގެ ސެޕްޓެމްބަރު މަސް އަންނައިރު، ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގެ ޓްރެފިކަށް ގާތްގަނޑަކަށް 1.2 ބިލިއަން ފަސެންޖަރުން ގެއްލޭނެ ކަމަށް، އދގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާއިން ލަފާކޮށްފިއެވެ.

ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ދުނިޔެ އިނދަޖެހިފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކާ ބެހޭ އިދާރާ (އައިކާއޯ) އިން ލަފާކުރާ ގޮތުގައި، މިއަހަރުގެ ފުރަތަމަ 3 ކުއާޓަރަށް ލަފާކޮށްފައިވާ މިންގަނޑުތަކުގެ 3 ބައިކުޅަ 2 ބައި ދަށަށް ދާނެއެވެ.

އައިކާއޯއިން ބުނާ ގޮތުގައި ކެޕޭސިޓީ އާއި އާމްދަނީ ދަށްވުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ވިލާތާ އޭޝިއާ-ޕެސިފިކް ސަރަހައްދަށެވެ. އެއަށްފަހު އުތުރު އެމެރިކާގެ ސަރަހައްދަށެވެ. ކުރިއަށް އޮތް ހޫނު މޫސުމުގެ ދުވަސްވަރަކީ އާންމުކޮށް ގިނަ ބަޔަކު ދަތުރުފަތުރުކުރާ ދުވަސްވަރެއް ނަމަވެސް، ކޮވިޑް-19އާއެކު މިކަމަށް ބޮޑު ބަދަލެއް އަންނާނެއެވެ. އައިކާއޯއިން ބުނާ ގޮތުގައި ފަސެންޖަރުންގެ އަދަދު އެންމެ ބޮޑަށް ދަށްވެގެންދާނީ ވިލާތުންނެވެ. އަދި އެއަށްފަހު އޭޝިއާ-ޕެސިފިކް ސަރަހައްދުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ބޯޑަރުތައް ބަންދުކޮށް، ލޮކްޑައުންއާ ކާފިއުގެ އަމުރުތައް ތަންފީޒު ކުރަމުންދާދިއުމުގެ ސަބަބުން، ބައިނަލްއަގުވާމީ ވައިގެ އުދުހުންތައް ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ.

ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމު އަލުން ހުޅުވާލުމާ ދެކޮޅަށް ވަރުގަދަ އިންޒާރެއް، ކުއްލި ނުރައްކާތަކާ ބެހޭ ޑަބްލިއު.އެޗް.އޯގެ އިސް ތަޖުރިބާކާރު ޑރ މައިކް ރާޔަންވެސް ވަނީ ދެއްވާފައެވެ.