ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ދެނެގަތުމަށް ރެޕިޑް ޓެސްޓް ކިޓް ބޭނުންކުރުން މިވަގުތަށް މަޑުޖައްސާލުމަށް އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗްއިން އެގައުމުގެ ހުރިހާ ސްޓޭޓްއަކަށް އަންގައިފިއެވެ.

ކުރިއަށް އޮތް 2 ދުވަހުވެސް ރެޕިޑް ޓެސްޓު ކިޓް ބޭނުންކޮށްގެން ބަލި ދެނެގަތުމުގެ މަސައްކަތްކޮށްގެން ނުވާނެ ކަމަށް މެޑިކަލް ރިސާޗް ކައުންސިލުން އަންގާފައިވަނީ، މިފަދަ ބައެއް ކިޓްތަކުގައި މައްސަލައެއް އުޅޭކަން ހާމަވުމާ ގުޅިގެންނެވެ.

އިންޑިއާގެ މެޑިކަލް ރިސާޗް ކައުންސިލުން ދަނީ، މިފަދަ ކިޓްތައް ބޭނުންކުރާ ސަރަހައްދުތަކަށް ޓީމުތައް ފޮނުވައިގެން، މައްސަލަ އުޅޭ ކިޓްތަކާ އެނޫން ކިޓްތައް ފާހަގަކޮށް، މައްސަލަ އުޅޭ ކިޓްތައް އުފެއްދި ފަރާތްތަކާ އެ ކިޓްތައް ހަވާލު ކުރަމުންނެވެ.

މެޑިކަލް ރިސާޗް ކައުންސިލްގެ އިސްވެރިޔާ ރާމަން އާރް ގަންގާޚިދުކާރު ވިދާޅުވީ، ޕޮސިޓިވް ސާމްޕަލްތަކުން ބޮޑެތި ވޭރިއޭޝަންތަކެއް ދައްކާ ކަމަށާ، އެކަމަކީ ތަހުގީގު ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ރެޕިޑް ކިޓްތައް އިންޑިއާގައި ބޭނުންކުރަން ފެށީ ހުސްވި ހަފުތާގެ ތެރޭގައެވެ. އޭރުވެސް އިންޑިއާގެ ސިއްހީ ވުޒާރާއިން ތަކުރާރުކޮށް ބުނަމުންދިޔައީ، މި ކިޓްތައް ހަމައެކަނި ބޭނުންކުރަން ޖެހޭނީ ބަލިމަޑުކަމުގެ ޓްރެންޑް ދެނެގަތުމުގެ ސާވޭލަންސްއަށް ކަމަށެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ރެޕިޑް ޓެސްޓް ކިތްތަކުގެ އެކިއުރަސީ އޮތީ އެންމެ 5 ޕަސެންޓްއަށެވެ. އެގޮތުން ކޮވިޑް-19އަށް ޕޮޒިޓިވްކަން ކަށަވަރުވެފައިވާ ޕޭޝަންޓުންގެ ޓެސްޓު ހެދުމުންވެސް ރެޕިޑް ޓެސްޓް ކިޓްތަކުން ނެގެޓިވް ކަމަށް ދައްކާކަމަށް އޮފިޝަލުން ދަނީ ވިދާޅުވަމުންނެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާއިން 20178 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި 645 މީހަކު ވަނީ މަރުވެފައެވެ.