އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދްގެ ރަސްމީ ގެކޮޅުގެ ރެސިޑެންޝަލް ސަރަހައްދުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ކޭހެއް ފެނިއްޖެއެވެ.

ވެރިރަށް ނިއު ދިއްލީގައި ހުންނަ ރާޝްތްރަޕަތީ ބަވަންގެ ރެސިޑެންޝަލް ސަރަހައްދުން ކޮވިޑް-19އަށް ޕޮޒިޓިވް ކޭހެއް ފެނުމާއެކު، އެ ސަރަހައްދުގައި ދިރިއުޅޭ 115 އާއިލާއެއް ވަނީ ކަރަންޓީނަށްލާފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކީ، ރިޔާސީ ގަނޑުވަރުގައި މަސައްކަތްކުރާ އަދި އެތަނުގައި ދިރިއުޅޭ މުވައްޒަފެއްގެ އާއިލާ މެމްބަރެކެވެ. މި އާއިލާ ދެނެގަނެވިފައިވަނީ، ކޮވިޑް-19ގައި މަރުވި ޕޭޝަންޓެއްގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ މަސައްކަތުގެ ތެރެއިންނެވެ.

ރިޔާސީ ގެކޮޅުން އާންމުކޮށްފައިވާ ބަޔާނަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، އެ އާއިލާގެ މެމްބަރަކު ވަނީ މަރުވި މީހާއާއި ކޮންޓެކްޓްވެފައިވާކަމަށާ، ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީވެސް އެމީހާކަމަށެވެ. ނަމަވެސް އެ އާއިލާގެ ހުރިހާ މެމްބަރުން ކޮވިޑް-19އަށް ނެގެޓިވްވެފައިވާކަމަށާ، ރައީސްގެ ސެކްރެޓާރިއަޓްގައި މަސައްކަތްކުރަމުންދިޔަ އެ އާއިލާގެ މެމްބަރުވެސް ކޮވިޑް-19އަށް ނެގެޓިވްވެފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

މިއީ އިންޑިއާގެ ރިޔާސީ ގެކޮޅުން ކޮވިޑް-19ގެ ކޭހެއް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ.

ދިއްލީގެ ހާލަތަށް ބަލާއިރު އެ ސަރަހައްދުން 2156 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި ދިއްލީއިން މަރުވި މީހުންގެ އަދަދު 47 އަށް ވަނީ އަރާފައެވެ.