މޭވާއާއި ތަރުކާރީގެ އުފެއްދުންތަކަށް ހާއްސަކޮށްގެން މުޅި އޭޝިއާ ސަރަހައްދުގައިވެސް ހިންގާ އެންމެ ބޮޑު ބާޒާރު ކަމަށްވާ އިންޑިއާގެ އާޒާދްޕޫރު މަންދީ ބާޒާރު ބަންދުކުރުމަށް ގިނަ އަދަދެއްގެ ވިޔަފާރިވެރިން ގޮވާލަން ފަށައިފިއެވެ.
މި ބާޒާރު ބަންދުކުރުމަށް ވިޔަފާރިވެރިން ޑިމާންޑް ކުރަން ފަށާފައިވަނީ، އެ ބާޒާރުގައި ވިޔަފާރި ކުރަމުންދިޔަ މީހަކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގައި އަންގާރަ ދުވަހު މަރުވުމާ ގުޅިގެންނެވެ.
އިންޑިއާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އުމުރުން 57 އަހަރުގެ ފިރިހެން މީހާ ކޮވިޑް-19އަށް ޕޮޒިޓިވްވީ ހޯމަ ދުވަހުއެވެ. އަދި އެމީހަކީ ސައްކޭލާ ޕީޒްގެ ވިޔަފާރި ކުރި މީހެއްކަންވެސް ވަނީ ހާމަކޮށްފައެވެ.
އިންޑިއާގެ އޮފިޝަލުން ވިދާޅުވީ، މަރުވި މީހާއާއި ކޮންޓެކްޓްވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކަންމިހެން އޮތްއިރު، އެ ބާޒާރުގައި ވިޔަފާރި ކުރަމުންދާ ބައެއް ފަރާތްތަކުން މުޅި ބާޒާރު ލޮކްޑައުން ކުރުމަށް ގޮވާލަމުންނެވެ.
"ބާޒާރުގައި ކޮވިޑް-19 ފެތުރިގެން ދިއުމާމެދު ކަމާބެހޭ ފަރާތްތަކުން އަމަލު ކުރަމުންދަނީ ވަރަށް ފަރުވާ ކުޑަކޮށް. މިވަގުތަށް ބާޒާރު ބަންދުކޮށްދިނުމަށް މައި ސަރުކާރަށްވެސް ގޮވާލަން" އެ ބާޒާރުގައި ވިޔަފާރި ކުރަމުންދާ މީހަކު ބައިނަލްއަގުވާމީ މީޑިއާއަށް ބުންޏެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އޮންނަ މި ބާޒާރަކީ ގާތްގަނޑަކަށް 78 އޭކަރުގެ ބޮޑު ބާޒާރެކެވެ. މި ބާޒާރަކީ އާންމު ދުވަހެއްގައި ގާތްގަނޑަކަށް 200000 އެއްހާ މީހުން ޒިޔާރަތްކުރާ ބާޒާރެއް ކަމަށް މައުލޫމާތު ލިބެއެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިންޑިއާގައި ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދިޔަ އިރުވެސް، މި ބާޒާރު އޮތީ ހުޅުވާފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މި ބަޒާރު ހުޅުވާފައި އޮތީ އިޖުތިމާއީ ގައިދުރުކަމުގެ އުސޫލުތަކާވެސް އެކުގައެވެ.
އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު، އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20111 އަށް އަރާފައެވެ. އަދި މި ބަލީގައި 645 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.