ކޮވިޑް19 އިން އަރައިގަތުމަށް ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އެ ބައްޔާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިވުމަށް ތައްޔާރަށް ތިއްބެވުމަށް ހުރިހާ މުވައްޒަފުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ސޮއި ކުރައްވައި ރޭ ނެރުއްވާފައިވާ ދެންނެވުމެއްގައި ވަނީ މިއަދު ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރަންޖެހިފައިވާ މަސައްކަތްތައް އިހުނަށްވުރެ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އެކަމާއި ދެކޮޅަށް ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ދެންނެވުމުގައި ބުނެފައިވެއެވެ.

އަދި މި ނުރައްކާތެރި ވައިރަހާއި ދެކޮޅަށް ރަށްރަށުގައި ކުރާ މަސައްކަތްތަކަށް އެ ރަށްތަކުގައި އުފައްދާފައިވާ ޓާސްކް ފޯސްތަކާއި ކައުންސިލްތަކާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށް ޗީފް އޮފް ސްޓާފް ނެރުއްވި ދެންނެވުުގައިވެއެވެ.

އަދި މި މަސައްކަތުގައި ހަރަކާތްތެރިވާ ކަމާބެހޭ ފަރާތްތަކުން އެހީތެރިކަން ބޭނުންވެއްޖެ ކަމަށްވާ ނަމަ ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަަޖައްސައި ދިނުމަށް ރައީސް ދަންނަވާފައިވާ ކަމަށް ވެސް ދެންނެވުމުގައިވެއެވެ.

"ގައުމަށް ކުރިމަތިވެފައިވާ މި ބޮޑު ކާރިސާއިން އަރައިގަތުމަށްޓަކައި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލެއްވުން ސަރުކާރަށް ބޭނުންވާ ކަމުގައި ދަންނަވަންވެސް ރައީސް ވިދާޅުވި އެވެ،" އެ ދެންނެވުމުގައިވެއެވެ.

އެ ދެންނެވުމުގައި ކޮވިޑް19 ބައްޔާއި އެ ބަލި ޖެހޭ މީހުން އަމަލު ކުރަންވީ ގޮތާއި އެ ބައްޔާއި ދެކޮޅަށް ކުރަންވި ކަންކަން ބަޔާންކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެމުން ގެންދާ އިރުޝާދުތަކަށް އަމަލުކުރުމަށް ވެސް ރައީސް ވަނީ ދައުލަތުގެ އެންމެހާ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޮވިޑް19 ރާއްޖެއިން ފެނިފައިވާތާ ދުވަސް ކޮޅެއް ވަނީ ވެފައެވެ. އެހެންނަމަވެސް މި ބަލި މާލޭގައި އޭރު ފެތުރިފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ހަފްތާގެ ބުދަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވިކަން އެނގުނު ހިސާބުން ފެށިގެން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ގިނަވަމުންނެވެ. އެގޮތުން މާލެއިން ރެއާ ހަމައަށް 66 މީހަކަށް ބަލި ޖެހިފައިވާއިރު މިހާތަނަށް މުޅި ރާއްޖެއިން 86 މީހަކަށް ވަނި ބަލި ޖެހިފައެވެ.