ދިވެހި އަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ދިފާއީ އައްޑަނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، ދިވެހި ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ މމުނާސަބަތުގައި ދެއްވި ހިތާބުގައެވެ. ރައީސް ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ އަޒުމަކީ، ސިފައިންގެ އެންމެ ފަހު މީހާގެ، އެންމެ ފަހު ނޭވާއާ ޖެހެންދެންވެސް، ގައުމުގެ ހައްގުގައި ގުރުބާންވުން ކަމަށެވެ. އަދި މިއަހަރުގެ ސިފައިންގެ ދުވަސް މި ފާހަގަކުރަނީ، ހަމައެފަދަ ވަރުގަދަ އަޒުމެއްގައި، ގައުމީ ވަރަށް މުހިންމު މަސައްކަތެއްގައި، ދިވެހި ސިފައިން ހުދުމަތް ކުރަމުން އަންނަ ދުވަސްވަރެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ، މުޅި ދުނިޔެއަށް ފެތުރި، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ނުރައްކަލުން، ދިވެހި ގައުމު ރައްކާތެރިކުރުމަށް މި ކުރާ ގައުމީ މަސައްކަތުގައި، ދިވެހި ސިފައިން އަދާކުރަމުން އެ އަންނަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ. އަދި މި ނުރައްކާތެރި މަސައްކަތުގެ ކުރީ ސަފަށް، ދިވެހި ސިފައިން ނުކުމެ އެތިބީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ވަރުގަދަ އަޒުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ސިފައިން އަމަލާއި ބަހުން ސާބިތުކޮށްދެމުން އެ އަންނަނީ، ސިފައިން މިއަހަރަށް ކަނޑައަޅާފައިވާ، "ސިފައިންގެ ހިތްވަރު – ގައުމުގެ ސަލާމަތް" މި ޝިއާރުގެ ތެދުކަން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މިކަމުން އެނގިގެން މިދަނީ، ސިފައިންނަކީ އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްވުރެ، ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭ ބައެއްކަން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ކޮވިޑް-19 އިން ދިވެހިރާއްޖެ ރައްކާތެރިކުރުމަށް މިކުރާ މަސައްކަތުގައިވެސް ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ގާބިލުކަމާއި، ގައުމަށް ހިދުމަތްކުރުމުގައި އެއްވެސް ވަރުބަލިކަމެއްނެތި، ސާބިތުވެ ތިބޭކަން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވި، މި ނާޒުކު ދަނޑިވަޅުގައި، ސިފައިންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި، ގެންގުޅުއްވާ ކެތްތެރިކަން، އެމަނިކުފާނު ފާހަގަކުރައްވަނީ އުފަލާއި ޝުކުރުވެރިކަމާއެކުގައި ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ހަޔާތުން ފާއިތުވެގެން މިދިޔަ އަހަރަކީވެސް، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި، އަގުނުކުރެވޭހާ މުހިންމު މަސައްކަތްތަކެއް، ދިވެހި ސިފައިން ކޮށްފައިވާ އަހަރެއް. ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ، މިދިޔަ އަހަރުގެ އަޟްހާ އީދު ބަންދު ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައާއި، ހދ. ނޮޅިވަރަންފަރު ލޯންޗު ބަންޑުން ޖަހާލި ހާދިސާއާއި، މާލޭގެ އަބަދަށްފެހި މަގުގައި ހުރި ގެތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި، މާލޭގެ ހުޅަނގު ދެކުނު ބަނދަރުގައި ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރި ކޮށްދިނުމަށް، ދިވެހި ސިފައިން ކޮށްދިން މަސައްކަތް ފާހަގަކޮށް، އެކަންކަމުގައި އެކި ފެންވަރުގައި އެކި ގޮތްގޮތުން ބައިވެރިވި ސިފައިންނަށް، ޝުކުރު ދަންނަވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ، ދިވެހި އަސްކަރިއްޔާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރި މަސައްކަތުގެ ފޮނި ނަތީޖާ ފެނިގެންދިޔަ އަހަރެއް ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާމެދު އޮންނަ އިތުބާރާއި ޔަގީންކަން ބޮޑުވެ، ސިފައިންގެ ގައުމީ ހިދުމަތް އިތުރަށް ފުޅާކުރެވި، ތަރުތީބު ކުރެވުނު އަހަރެއް ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ މިއީ، ވޭތުވެދިޔަ އަހަރުގެ ތެރޭ، ސިފައިންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައި އަޅުގަނޑު ދެކޭ ކަމަށެވެ.