ސިފައިންގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފިއެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވިޓްގައި ވިދާޅުވީ ރާއްޖޭގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ސިފައިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.
މިއަދަކީ ސިފައިންގެ ހިދުމަތަށް 128 އަހަރުފުރުން ދުވަސްކަމުން ދުވަހުގެ ތަހުނިޔާވެސް ރައީސް ވަނީ ހުރިހާ ސިފައިނަށް ފޮނުވާފައެވެ.
ރައީސް ސޯލިހްގެ ސފައިންނަށް ތަހުނިޔާ ފޮނުއްވާފައިވާ އިރު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ވަނީ މުހިންމު މެސެޖެއް ދެއްވާފައެވެ.
ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ވީޑިއޯއެއް މަދުވެރިކޮށް ދެއްވި މެސެޖެއްގައި ޝަމާލް ވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްޔިތުން ސަލާމަތްކުރުމުގައި އެންމެ ފަހު މީހާއާ ހަމައަށް ވެސް ދިވެހި ސިފައިން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
ޝަމާލް ގެ އިތުރުން މާރިޔާ ވިދާޅުވީ ކޮވިޑް-19 އިގެ ނުރައްކާ ރާއްޖެއަށް ވެސް އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތުގައި ސިފައިން ދައްކަމުން ދަނީ ނަމޫނާ ހިތްވަރެއް ކަމަށާއި ގައުމީ ވާޖިބު އަދާކުރުމުގައި ސިފައިން ދެމި ތިބުމަށް ވެސް އެކަމަނާ ގޮވާލެއްވިއެވެ.