އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް މުމްބާއީއިން 53 ނޫސްވެރިއަކު ހުސްވި ހަފުތާގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް، ލޯކަލް ކައުންސިލް އިދާރާ ބްރިހާންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން ހާމަކޮށްފިއެވެ.

ބީއެމްސީއިން ބުނީ ކޮވިޑް-19ގެ ޚަބަރުތައް ރިޕޯޓްކުރަމުންދާ 167 ނޫސްވެރިއަކު ޓެސްޓުކޮށްފައިވާކަމަށާ، ޕޮޒިޓިވްވި ނޫސްވެރިން މިހާރު ތިބީ އައިސޮލޭޝަންގައި ކަމަށެވެ.

ޕޮޒިޓިވްވި ނޫސްވެރިންގެ ތެރޭގައި ކެމެރާ މަނުން، ފޮޓޯގްރާފަރުންނާ ވޭން އޮޕަރޭޓަރުންވެސް ހިމެނޭ ކަމަށް ބީއެމްސީ ހެލްތް ކޮމިޓީގެ އިސްވެރިޔާ އަމީ ގޯލޭ ވަނީ ވިދާޅުވެފައެވެ.

އިސް ކެބިނެޓް މިނިސްޓަރެއް ކަމަށްވާ ޕްރަކާޝް ޖާވަދީކާރު ވިދާޅުވީ އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ ނޫސްވެރިން، ވަކިން ހާއްސަކޮށް ކެމެރާ ޕޮޒިޓިވްވި ކަމީ ހައިރާންކަން ގެނުވަނިވި ކަމެއް ކަމަށާ، ކޮންމެ ނޫސްވެރިއަކީވެސް ރައްކާތެރިކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާ މީހަކަށްވާންޖެހޭނެ ކަމަށެވެ.

ކަންމިހެން އޮތްއިރު މުމްބާއީ ޕްރެސް ކުލަބުންވަނީ، ނޫސްވެރިންގެ ސަލާމަތަށްޓަކައި މިހާރަށްވުރެ ރައްކާތެރި މާހައުލެއް ގާއިމުކޮށްދެއްވުމަށް ސްޓޭޓް ޗީފް މިނިސްޓަރު އުދާވް ތަކަރޭގެ ކިބައިން އެދިފައެވެ.

މުމްބާއީ އަކީ މަހާރާޝްތްރާ ސްޓޭޓްގެ ވެރިކަންކުރާ ރަށް ކަމަށްވާއިރު، މަހާރާޝްތްރާ ސްޓޭޓްއަކީ މުޅި އިންޑިއާއަށް ބަލާއިރު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ސްޓޭޓްއެވެ. އެ ސްޓޭޓްއިން އެކަނިވެސް 4666 މީހަކު ޕޮޒިޓިވްވެފައިވާއިރު 232 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މުޅި އިންޑިއާއަށް ޖުމުލަ ގޮތެއްގައި ބަލާއިރު 18658 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު، 14793 ކޭހެއް ރެކޯޑްކޮށްފައިވަނީ އެކްޓިވް ކޭސްތަކުގެ ގޮތުގައެވެ. 3273 މީހަކު ހޮސްޕިޓަލިތަކުން ދޫކޮށްލާފައިވާއިރު، މަރުވި މީހުންގެ އަދަދު 592 އަށް ވަނީ އަރާފައެވެ.