ފާއިތުވީ ގަރުނެއްހާ ދުވަހުގެ ތެރޭގައި ދުނިޔެ ނުދެކޭ ވަރުގެ ނުރައްކާތެރި ބަލިމަޑުކަމެއްގައި މުޅި ދުނިޔެ ކުޑަކަކޫ ޖަހަންޖެހިފައިވާ މި ދަނޑިވަޅުގައި، ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ދުވަހެއް އަދި ނޭނގެއެވެ. ތަރައްގީ ވެފައިވާ އެންމެ މުއްސަނދި ގައުމުތަކާ، ސިއްހީ ރޮނގުން ޒަމާނީ އީޖާދުތައް ކުރަމުން ދިޔަ ގައުމުތަކާ، އެނޫން ގައުމުތަކާ ތަފާތެއް ނެތެވެ.
ކޮވިޑް-19ގެ ހަގީގީ ގެއްލުމުގެ އަސަރު އަދި ވަޒަން ކުރެވޭކަށް ނެތެވެ. ކުރިއަށް އޮތް ހަފުތާ ކީއްކުރަން، މަސްތަކަށް ވިސްނިކަމުގައި ވީ ނަމަވެސް މިކަމަށް އަވަސް ނިމުމެއް އޮތް ކަމަކަށް ނުބެލެވެއެވެ. ނަމަވެސް، ނަމްބަރުތަކެއްގެ އެހީގައި މި އަސަރުތައް ކޮންމެވެސް ވަރަކަށް ވަޒަންކުރެވިދާނެއެވެ.
211
މިއީ ކޮވިޑް-19ގެ ކޭސްތައް ރިޕޯޓްކުރި ގައުމުތަކާ ސަރަހައްދުތަކުގެ އަދަދެވެ. ދުނިޔޭގެ އެންމެ ދެކުނު ތަނޑި ނުވަތަ އެންޓާޓިކާ ބައްރު ފިޔަވާ އެހެން ހުރިހާ ސަރަހައްދަކުން ކޮވިޑް-19ގެ ކޭސްތައް ވަނީ ރިޕޯޓްކޮށްފައެވެ.
1.6 ބިލިއަން
ޔުނެސްކޯގެ ރެކޯޑްތައް ދައްކާ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތައް ބަންދުކޮށްފައި އޮތް އޮތުމުގެ އަސަރު ކުރާ ކުދިންގެ އަދަދަކީ މިއީއެވެ. ގިނަ އަދަދެއްގެ ސްކޫލްތައް އޮންލައިން ޕްލެޓްފޯމަށް ބަދަލުވެފައިވާއިރު، އިންޓަނެޓްގެ ނަސީބު ލިބިފައި ނެތް ކުދިންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުމުގެ ކަންބޮޑުވުންވެސް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ދަނޑިވަޅެއްގައި ކުލާސްތައް ކުރިއަށް ދިއުމުގެ މައްސަލައަކީ އަޅާ ނުލާ ދޫކޮށްލެވޭ ވަރުގެ މައްސަލައެކެވެ.
2 ޓްރިލިއަން ޑޮލަރު
މިއީ ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށް ލިބޭނެ ގެއްލުނު އަގު ކަމަށް، އދގެ ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވަލޮޕްމަންޓްއިން އަންދާޒާކޮށްފައިވާ މިންވަރެވެ.
37.3- ޑޮލަރު
މިއީ އޭޕްރިލް 20 ވަނަ ދުވަހު އެމެރިކާގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރި މިންވަރެވެ. މިއީ ދުނިޔޭގެ ތާރީހުގައިވެސް ތެލުގެ އަގު މިހާ ދަށުން ރެކޯޑްކުރެވުނު ފަހަރެވެ.
2.4 މިލިއަން
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19އަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދެވެ. ޖުމުލަ އަދަދު 2482272 އަށް އަރާފައިވާއިރު، މި ބަލީގައި މަރުވި މީހުންގެ އަދަދު 170472 އަށް ވަނީ އަރާފައެވެ. ފަރުވާ ހޯދައިގެން ރަނގަޅުވި މީހުންގެ އަދަދަކީ 652172 އެވެ.