ދުނިޔޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އެމެރިކާގެ ބާޒާރުގައި ތެލުގެ އަގުތައް ސުން ރޭޓަށްވުރެ ދަށަށް ހިނގައްޖެއެވެ.
މީގެ މާނައަކީ، ތެޔޮ އުފައްދާ ފަރާތްތަކުން ތެޔޮ ގަންނަ ފަރާތްތަކަށް ފައިސާ ކޮޅެއް ދިނުމަށްފަހު ތެލުގެ ޝިޕްމަންޓްތައް ދޫކޮށްލަންޖެހުމެވެ.
މިކަން މިހިސާބަށް ދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑީޒީޒްގެ ސަބަބުން ތެލަށް އޮތް ޑިމާންޑް އިންތިހާއަށް ދަށްވެ، ކުރިއަށް އޮތް މަހު ތެޔޮ ރައްކާކުރާނެ ގޮތެއް ނެތުމުގެ ބިރުވެރިކަން، ތެޔޮ އުފައްދާ ފަރާތްތަކުގެ މެދުގައި އިންތިހާއަށް ބޮޑުވެގެން ދިއުމާއެކުގައެވެ.
މިކަމުގެ ނަތީޖާއަކަށްވީ، ތެޔޮ އުފައްދާ ފަރާތްތަކުން އިތުރުވާ ތެލުގެ ޝިޕްމަންޓްތައް ރައްކާ ކުރުމަށްޓަކައި ތެޔޮ ޓޭންކަރުތައް ކުއްޔަށް ހިފަންޖެހުމެވެ. މިއާއެކު، އެމެރިކާގެ ތެލުގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު، ސުން ރޭޓަށްވުރެ ދަށަށް ވެއްޓިގެން ދިޔައެވެ.
ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްއިން ވިއްކާ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މައިނަސް 37.63 ޑޮލަރަށް ވަނީ ދަށަށް ގޮސްފައެވެ.
މެއި މަސް ނިންމާ، ޖޫން މަހު ތެލުގެ ވިޔަފާރީގެ އަގުތައް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ ތެޔޮ ފީފާއެއްގެ އަގު 20 ޑޮލަރަށް އަރާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ބްރެންޓް ކްރޫޓްފަދަ ކުންފުނިތަކުން ޖޫން މަހު ތެޔޮ ފީފާއެއް ވިއްކާނީ ގާތްގަނޑަކަށް 26 ޑޮލަރަށް ކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް މިއަދަދުތައް މިއަށްވުރެވެސް ދަށަށް ދިއުން އެކަށީގެންވެއެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ބަލިމަޑުކަމާއެކުގެ ތެލުގެ ސިނާއަތަށް އައި ހީނަރުކަމާއެކު، ތެލުގެ ސަޕްލައި މަޑުޖައްސާލާނެ މިންވަރަކާ މެދު ތެލުގެ ވިޔަފާރީގެ ލީޑަރުންގެ މެދުގައި ވަނީ ބޮޑެތި ދެބަސްވުންތަކެއް އުފެދިފައެވެ. ނަމަވެސް ތެލުގެ އުފެއްދުންތެރިކަން 10 ޕަސެންޓް މަޑުޖައްސާލުމަށް އެގައުމުތަކުން އެންމެ ފަހުން އެއްބަސްވެފައިވާއިރު، އެއީ އަދި އެކަށީގެންވާ މިންވަރަށްވުރެ މާ ދަށް މިންވަރެއް ކަމަށް މުރާސިލުން ބުނެއެވެ.
ކަންމިހެން އޮތްއިރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އިތުރުވާ ތެލުގެ ސަޕްލައި، އެމެރިކާގެ ގައުމީ ރިޒާވްއަށް ނަންގަވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، އެމެރިކާއަށް ލިބިފައިވާ ތެޔޮ ރައްކާކުރުމުގެ ކެޕޭސިޓީއަށްވެސް ނުތަކަފާނެ ކަމުގެ ބިރުވެރިކަން އެބައޮތް ކަމަށް، ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ދުނިޔޭގެ ބާޒާރުގަ މިރަށްތެލުގެ އަގުވެއްޓުނީމަވެސް ރާއްޖެއަކުން މާބޮޑުތަފާތެއްނުފެނޭ ނަމަވެސް މާދަމާވެސް ތެލުގެއަގު ދުނިޔޭގެބާޒާރުގައި އުފުލިއްޖެނަމަ އެކަމުގެއަސަރުވަގުތުންކުރޭ
ބަލަގަ މިތަނައް ތެޔޮގެންނަނީ ހަނދުންނޭ.