މާލެ ސަރަހައްދު ލޮކްޑައުންގެ 14 ދުވަސް ނިމެންދެން ވެކްސިން ނުދޭން ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިވަގުތު އިއުލާން ކޮށްފައިވާ 14 ދުވަހުގެ ލޮކްޑައުންގެ މުއްދަތުގައި މާލެ ސަރަހައްދުގައި ވެކްދސިން ދިނުން ވަގުޓީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އެޗްޕީއޭން ބުނީ، މިގޮތަށް ހަމަޖައްސާފައި ވަނީ ކޮވިޑް0-19 ހަލުވިކަމާއެކު މާލެ ތެރޭގައި ފެތުރެމުންދާތީ ވެކްސިން ދިނުމަށް މިވަގުތު ވެކްސިންދޭ މަރުކަޒުތަކަށް ދިއުމަށްވުރެ ގޭގައި މަޑުކުރުން ރައކާތެރިކަމަށް ބެލެވޭތީ ކަމަށެވެ.

އެ އެޖެންސީން ބުނީ، މިފަދައިން ނިންމާފައިވީ ނަމަވެސް ލޮކްޑައުންގެ މުއަދަތު 14 ދުވަހަށްވުރެ ދިގުދެމިގެންދާނަމަ، މާލެ ސަރަހައްދުގައި ވެކްސިން ދިނުން ކުރިއަށް ގެންދިއުމާ މެދު ހަމަޖައްސާ ގޮތެއް އިއުލާން ކުރާނެ ކަމަށެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާއިރު ރާއްޖެއިން ވަނީ ޖުމްލަ 67 ޕޮޒިތިވް ކޭސް ފެނިފައެވެ. އަދި މީގެ ތެރެއިން 16 މީހަކު ރަނގަޅުވެ، 2 މީހަކު ރާއްޖެއިން ފުރައިގެން ގޮސްފައިވާއިރު، މި ބައްޔަށް މިހާރު 49 މީހަކު ދަނީ ރާއްޖޭގައި ފަރުވާ ހޯދަމުންނެވެ. އެއީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައި 2 ދިވެހިންނާއި، މާލެ އިން ޕޮޒިޓިވްވި 24 ދިވެހިންގެ އިތުރުން މާލެއިން ޕޮޒިޓިވްވި 23 ބިދޭސީންނެވެ.

މާލެ ސަރަހައްދުން ފުރަތަމަ ފަހަރަށް މި ބަލި ފެނިފައިވަނީ މިދިޔަ ބުދަ ދުވަހެވެ. އެގޮތުން ބުދަ ދުވަހު 1 ކޭސް ފެނިފައިވާއިރު، ބުރާސްފަތު ދުވަހު 2 ކޭސް، ހުކުރު ދުވަހު 5 ކޭސް އަދި ހޮނިހިރު ދުވަހު 7 ކޭސް ވަނީ މާލެއިން ފެނިފައެވެ. މީގެ އިތުރުން އިއްޔެ 17 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 1 ކޭސް ވަނީ ހއ. އުލިގަމަށް ދަތުރުކޮށްފައެވެ. އަދި މިއަދު ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައިވާ 15 ކޭހެއް މާލެ ތެރެއިން ފެނިފައެވެ.