ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މި ހައްސާސީ ދަނޑިވަޅުގައި އިންޑިއާ އަބަދުވެސް އޮންނާނީ ގާތް، އަވަށްޓެރި ދިވެހިރާއްޖެއާއިއެކުގައި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ މިކަން ހާމަކުރައްވާފައިވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުއާއި މިއަދު ހެނދުނު ފޯނުން ގުޅުއްވައިގެން، ކޮވިޑް-19ގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހު މޯދީގެ ރަސްމީ ޓްވިޓާ ހެންޑްލް މެދުވެރިކުރައްވާ، ކުރެއްވި ޓްވީޓްއެއްގައެވެ.

ކޮވިޑް-19ގެ ގޮންޖެހުމާ ކުރިމަތިލާންޖެހިފައިވާ މިދަނޑިވަޅުގައި، 'އާންމު ދުޝްމަނާ' ވަރުގަދަ ރޫހެއްގައި ކުރިމަތިލުމުގެ ޖޯޝު ލިއްބައިދެނީ އިންޑިއާއާއި ރާއްޖެ ހިއްސާކުރާ ގާތް ގުޅުމުގެ ސަބަބުން ކަންވެސް މޯދީ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހުއާއިއެކު މަޝްވަރާ ކުރައްވާފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެއަށް ކުރިމަތިލާންޖެހިފައިވާ ސިއްހީ އަދި އިގުތިސޯދީ ގޮންޖެހުންތަކާ ބެހޭ ގޮތުން ކަމަށްވެސް މޯދީ ކުރެއްވި އިތުރު ޓްވީޓްއެއްގައި ވަނީ ފާހަގަކުރައްވާފައެވެ.

މޯދީގެ ޓްވީޓްއަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މޯދީ މަޝްވަރާކުރެވުނުކަމަށްޓަކައި އުފާކުރައްވާކަން ފާހަގަކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ސޯލިހާއި މޯދީ ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުން ފޯނުން ވާހަކަ ދައްކަވާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެ ލީޑަރުންވެސް ދެ ގައުމުގެ މިވަގުތުގެ ހާލަތު ތަފްސީލު ކޮށްދެއްވި ކަމަށާއި، އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް ހޫދު ކުރެއްވި ޓްވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ދަނީ ރާއްޖެއަށް އެހީތެރިކަމާ އެއްބާރުލުން ފޯރުކޮށްދެމުންނެވެ.