ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ގޮންޖެހުމާ ހުރިހާ އެންމެން އެކަތިގަނޑެއްގެ ގޮތުގައި ކުރިމަތިލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ގޮވާލައްވައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ލިންކްޑްއިންއަށް ދޫކޮށްލެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، ކޮވިޑް-19އަކީ ވަކި ނަސްލެއް، ދީނެއް، ކުލައެއް، ގިންތިއެއް، ބަހުރުވައެއް ނުވަތަ ބޯޑަރަކަށް ބަލައިގެން ހަމަލާ ދޭ ބަލިމަޑުކަމެއް ނޫންކަމަށާ، މި ބަލިމަޑުކަމާ ކުރިމަތިވުމަށްފަހު އެންމެ ހާއްސަ ސަމާލުކަމެއް ދޭންވީ އަޚުވަންތަކާ އެއްބައިވަންތަކަން ކުރިއަށް ނެރުމަށް ކަމަށެވެ.

މާޒީއަށް ބަލާއިރު އެއްގައުމު އަނެއް ގައުމާ ކުރިމަތިލަމުން ދިޔަ ނަމަވެސް، މިއަދު ހުރިހާ ގައުމަކަށް އެކުގައި ކުރިމަތިލާންޖެހިފައިވަނީ އެންމެނަށް "އާންމު" ގޮންޖެހުމަކާ ކަމަށްވެސް މޯދީ ވަނީ ސިފަކުރައްވާފައެވެ. އަދި މުސްތަގުބަލު އޮތީ އެކަތިގަނޑެއްގައި ގޮތުގައި ކަމަށްވެސް މޯދީ ވަނީ ސިފަކުރައްވާފައެވެ.

މިފަދަ ރޫހެއްގައި މޯދީ ވާހަކަފުޅުދައްކަވާފައިވާއިރު، އެކްޓިވިސްޓުން ދަނީ އިންޑިއާގެ ސަރުކާރުން ބައިމަދު އާބާދުތަކުގެ މީހުންނާ މި ކާރިސާގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް ތުހުމަތުކޮށް ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.