އަވަށްޓެރި އިންޑިއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 17265 އަށް އަރައިފިއެވެ.

ޔޫނިއަން ހެލްތް މިނިސްޓްރީއިން މިއަދު ހެނދުނު ހާމަކުރި ގޮތުގައި ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 1553 ކޭހެއް ޕޮޒިޓިވްވެފައިވާއިރު މި ވަގުތުގެ ތެރޭގައި 543 މީހަކު ވަނީ މި ބަލީގައި މި ދުނިޔެއާއި ވަކިވެފައެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ކޮވިޑް-19ގެ ޑޭޝްބޯޑު ބުނާގޮތުގައި، އެކްޓިވް ކޭސްތަކުގެ އަދަދު 14175 އެވެ. 2547 ކޭހަކަށް މިހާރުވަނީ ޝިފާ ލިބިފައެވެ. ނުވަތަ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ނުވަތަ އެހެން ހިސާބަކަށް ހިޖުރަކޮށްފައެވެ.

އިންޑިއާގެ އާންމު ހާލަތަށް ބަލާއިރު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު ވެފައިވަނީ މަހާރާޝްތްރާ ސްޓޭޓްގައެވެ. އެއަށްފަހު ދެން އެންމެ ނުރައްކާ ބޮޑުވެފައިވަނީ ވެރިކަން ކުރާ ނިއުދިއްލީގައެވެ. ދިއްލީއިން ކޮވިޑް-19އަށް 2000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު 45 މީހަކު މަރުވިކަމަށް ރެކޯޑްތަކުން ދައްކައެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދް ކެޖްރިވާލް ވަނީ ހަލުވި ދުވެއްޔެއްގައި ކޮވިޑް-19 ފެތުރެމުންދާކަމަށް ވިދާޅުވެ، ދިއްލީގެ 11 ޑިސްޓްރިކްޓްއެއް 'ހޮޓްސްޕޮޓް'ގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި އެ ސަރަހައްދުތަކުގެ ހާލަތު، އޭޕްރިލް 27 ވަނަ ދުވަހުގެ ނިޔަލަށް އަލުން މުރާޖައާ ކުރެއްވުމަށްވެސް ކެޖްރިވާލް ވަނީ އިރުޝާދު ދެއްވާފައެވެ.

އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެގެން ރިޕޯޓްކޮށްފައި މިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގައި ތަންފީޒު ކުރަމުންދިޔަ ބައެއް ފިޔަވަޅުތަކަށް ދޫ ދިނުމަށް ބައެއް ޔޫނިއަން ޓެރިޓަރީތަކުން މިއަދު މަސައްކަތް ފަށާ ދަނޑިވަޅުގައެވެ.