ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެފައިވާ އެމެރިކާގެ މަޝްހޫރު ބްރޯޑްވޭ އެކްޓަރު ނިކް ކޯޑޭރޯގެ ކަނާތު ފައި ބުރިކޮށްލައިފިއެވެ.

ޓޯނީ އެވޯޑް ހާސިލުކޮށްފައިވާ ކޯޑޭރޯގެ އަނބިމީހާ އެމޭންޑާ ކްލޫޓްސް ބުނި ގޮތުގައި އޭނާގެ ފިރިމީހާގެ ކަނާތު ފައި ބުރިކޮށްލަންޖެހުނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ތަކުލީފުތަކެއްގައެވެ.

ކޮވިޑް-19ގެ އުނދަގޫތަކާއެކު ކޯޑޭރޯ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުމާއެކުގައި ހެން އޭނާގެ ކަނާތު ފައިގައި ލޭ ދައުރުވުމުގެ މައްސަލަތަކެއް ކުރިމަތިވިއެވެ. ފައިގެ އިނގިލިތަކާ ހިސާބަށް ލޭ ދައުރު ނުކުރާ ކަމަށް މައުލޫމާތު ލިބެއެވެ. ފަރުވާއަކަށް ދިނީ ލޭ ދިޔާ ކުރާ ބޭހެވެ. ނަމަވެސް މިކަމުގެ ސަބަބުން އޭނާގެ ލޭގެ ޕްރެޝަރަށް ބަދަލު އައިސް، ގައިތެރެއިން، ގޮހޮރަށް ލޭ އެޅެން ފެށީ ކަމަށް ކޯޑޭރޯގެ އަންހެނުންވަނީ މީޑިއާއަށް ހާމަކޮށްފައެވެ.

ކޮވިޑް-19ގެ ބަލީގައި ކޯޑޭރޯ އުޅޭތާ މިހާރު 2 ހަފުތާއަށްވުރެ ދުވަސްވަނީ ވެފައެވެ. ހޮނިހިރު ދުވަހަކީ އައިސީޔޫގައި ކޯޑޭރޯ ސެޑޭޓްކޮށްފައި އޮންނަތާ 18 ވަނަ ދުވަހެވެ.