އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ލެބްތަކުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކަށް އަމަލު ނުކުރުމުގެ ސަބަބުން އެ ލެބްތައް ތަގައްޔަރުވެ، އެމެރިކާގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް އެންމެ ފުރަތަމަ ހެދި ޓެސްޓުތަކުގެ ސައްހަކަން ގެއްލިފައިވާކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން މައުލޫމާތު ދޭ ގޮތުގައި، ސީޑީސީއިން އެޓްލާންޓާގައި އޮޕަރޭޓްކުރާ 2 ލެބޯޓްރީއެއްގައި ޓެސްޓު ކިޓްތައް އުފައްދާފައިވަނީ، އެ އިދާރާގެ މިންގަނޑުތަކާ ހިލާފަށެވެ. ނަތީޖާއަކަށްވީ، އެންމެ ފުރިހަމައަށް ނަތީޖާ ނުނެރެވޭ ފަދަ ހާލެއްގައި ހުރި ޓެސްޓު ކިޓްތަކެއް، އެމެރިކާގައި އޮޕަރޭޓްކުރާ 100 އެއްހާ ލެބަށް ފޮނުވުމެވެ.

އެމެރިކާގެ ބެވާލީ ހިލްސް ސަރަހައްދުގައި ކޮވިޑް-19އާ ގުޅިގެން ބަންދުކޮށްފައިވާ ސިނަމާއެއް ކުރިމަތީގައި މީހަކު ސްކޫޓީއެއް ދުއްވަނީ/ފޮޓޯ: މާރިއޯ ޓޭމާ

ޓެސްޓު ކިޓްތަކުގައި މައްސަލައެއް އުޅޭކަން ދެނެގަނެވުނީ ވައިޓްރީ ޑައިގްނޯސްޓިކްސް އެންޑް ރޭޑިއޮލޮޖިކަލް ހެލްތްގެ ޗީފް ޑރ ޓިމޮތީ ސްޓެންޒެލް، ސީޑީސީގެ ލެބްތަކަށް ގޮސް ބެލިބެލުމުންނެވެ. ޑރ ސްޓެންޒެލްގެ ހޯދުންތަކުން އެނގުނު ގޮތުގައި، ކޮމާޝަލް ފެންވަރުގައި ޓެސްޓު ކިޓްތައް އުފައްދަމުންދިޔައީ އެކަށީގެންވާ ތަޖުރިބާވެސް ނެތިއެވެ. އަދި މިމަރުހަލާތައް ސުޕަވައިޒްކުރާނެ މީހަކުވެސް ނެތްކަން ވަނީ ފާހަގަކޮށްފައެވެ.

އޮފިޝަލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ލެބްތަކަށް ވަދެ ނިކުމެ ހެދުމުގައި ލެބްކޯޓު ބަދަލުކޮށްފައިވުމާ، މި ކަން މިހެން ކޮށްފައިވާއިރު ޓެސްޓު ކުރަން ބޭނުންކުރާ ބައެއް އާލާތްތައް ބަހައްޓާފައި ހުރި ކޮޓަރިއަކީ ކޮވިޑް-19އަށް ޕޮޒިޓިވް ސާމްޕަލްތައްވެސް ބަހައްޓާފައި ހުރި ކޮޓަރި ކަންވެސް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ލެބްތަކަށް ފޮނުވި ޓެސްޓު ކިޓތްތަކަކީ ކޮވިޑް-19ގެ ވައިރަހުގެ ތަގައްޔަރުކަން ހުރި ކިޓްތަކެއްކަމުން، ނަތީޖާ ސައްހަ ނުވާނެކަން ވަނީ ފާހަގަކޮށްފައެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެފްޑީއޭގެ ތަރުޖަމާނު ސްޓެފަނީ ކަކޯމޯ ވިދާޅުވީ، ސީޑީސީއިން ޓެސްޓް ކިޓްތައް އުފައްދާފައިވަނީ އެއިދާރާގެ އަމިއްލަ ޕްރޮޓޮކޯލްތަކާވެސް ހިލާފަށް ކަމަށެވެ.

ސީޑީސީގެ މި ފެއިލްވުމާއެކު ގިނަ ބައެއްގެ އިތުބާރު ވަނީ ގެއްލިފައެވެ. އަދި މިއީ ހަލުވިކަމާއެކު ފެތުރެމުންދާ ބަލިމަޑުކަމަށް އެމެރިކާ ތައްޔާރުވެފައި ނެތްކަން ރަމްޒުކޮށްދޭ ކަމެއްކަމަށް ބުނާ މީހުންވެސް އެބަތިއްބެވެ. އަދި ވިޔަފާރި އުސޫލުން ހިންގާ ލެބްތަކަށް ކިޓް އުފެއްދުމުގެ ހުއްދަ ފުރަތަމަ ދީފައި ނުވާކަން ފާހަގަކޮށް، ބައެއް ފަރާތްތަކުން ވަނީ އެފްޑީއޭއަށްވެސް ފާޑުކިއާފައެވެ.

އެމެރިކާގެ ވޮލަންޓިއަރަކު ޑްރައިވް-ތްރޫއެއް ހުރަސްކުރާ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތުގަ/ފޮޓޯ: މާރިއޯ ޓޭމާ

ކަންމިހެން އޮތްއިރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ، އެރިކާގައި އޮތްވަރުގެ ޓެސްޓިންގް ކެޕޭސިޓީއެއް އޮތް ގައުމެއް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ނޯންނާނެ ކަމަށް ވިދާޅުވަމުންނެވެ.

އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 738923 އަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 39015 އަށް އަރާފައެވެ.