ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ދެކޮޅަށް ދުނިޔެ ކުރަމުންދާ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ތިބި ސިއްހީ ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމުގެ ޝަރަފުގައި، މިއުޒިކީ ދުނިޔޭގެ ނަން ހިނގާ އެންމެ ވަރުގަދަ ތަރިން، ކޮންސެޓެއް ބާއްވައިފިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މުޅި ދުނިޔެހެން ލޮކްޑައުން ކޮށްފައިވާއިރު، އެތަރިއެއްގެ ގޭގައި ހުރެގެން ގެނެސްދިން މި ކޮންސެޓްގައި ލޭޑީ ގާގާ، ޖޯން ލެޖެންޑް، ސޭމް ސްމިތް އަދި ޕޯލް މެކާޓްނީ ފަދަ ތަރިން ވަނީ ލަތަށް ހުށަހަޅާ ދީފައެވެ.

ދަ ރޯލިންގް ސްޓޯންސްގެ މިއުޒީޝަނުންވެސް ވަނީ އެމީހެއްގެ ގޭގައި ވަކިވަކީން ތިބެގެން ގުރޫޕު ޕާފޯމަންސެއްގެ ގޮތުގައި ލަވަ ހުށަހަޅާ ދީފައެވެ.

8 ގަޑިއިރެއްހާއިރަށް ދެމިގެންދިޔަ މި ޝޯގައި، ކޮވިޑް-19ގެ އެންމެ ކުރީ ސަފުގައި ހަނގުރާމަކުރަމުންދާ ބަތޮލުންނާ ގުޅުންހުރި ހަގީގީ ވާހަކަތައް ވަނީ ގެނެސްދީފައެވެ. މީގެ އިތުރުން ޓީޗަރުންނަށްވެސް ހާއްސަ ހަދިޔާއެއް ވަނީ ގެނެސްދީފައެވެ.

"ވަން ވާލްޑް: ޓުގެދާ އެޓް ހޯމް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި އާދަޔާ ހިލާފު ކޮންސެޓް އިންތިޒާމުކޮށްފައިވަނީ ގްލޯބަލް ސިޓިޒަން މޫވްމަންޓްއާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގުޅިގެންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް މި ކޮންސެޓްގެ މަންޒަރުތައް ވަނީ ފޮނުވާފައެވެ.