ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް އަވަށްޓެރި ސްރީލަންކާގައި އިއުލާންކޮށްފައިވާ ހަރުކަށި ލޮކްޑައުންގެ އަމުރަށް ލުއިދޭން ފަށާނެ ކަން އެ ގައުމުން ހާމަކޮށްފިއެވެ.

އާންމު ދިރިއުޅުމުގެ ކަންކަން ކުރިއެކޭވެސް އެއްގޮތަށް އާންމު ހާލަތަށް ހާލަތަކަށް ގެނެސް، އިގުތިސޯދީ ހަރަކާތްތައް އަލުން ހިންގައި ގަތުމަށްޓަކައި ލޮކްޑައުންގެ އަމުރަށް ލުއި ދޭން ފަށާނީ ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ ސިއްހަތާ ބެހޭ ވަޒީރު ޕަވިތްރާ ވަންނިއަރައްޗީ ވިދާޅުވީ، އެގައުމުން ކޮވިޑް-19 ފެތުރިގެން ދިއުން، ސަރުކާރަށް ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ. އެހެންކަމުން، ގައުމު ހުޅުވާލާ، އާންމު ދިރިއުޅުމުގެ ކަންކަން، އާންމު ހާލަތަށް ގެންނަންޖެހިފައިވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ވައިރަސްގެ ނުރައްކާ ނެތް 19 ޑިސްޓްރިކްޓްއެއްގައި އިއުލާންކޮށްފައިވާ ކާފިއުގެ އަމުރު، އޭޕްރިލް 20 ވަނަ ދުވަހުގެ ފަތިހު 05:00 އިން ފެށިގެން އުވާލާނެ ކަމަށާ، އަނެއްކާވެސް ކާފިއު އިއުލާންކުރާނީ އެރޭގެ 08:00 އިން ފެށިގެން ކަމަށް ޚަބަރު ލިބެއެވެ.

ވަންނިއަރައްޗީ ވިދާޅުވީ މާޗް މަހުގެ މެދަކާ ހިސާބުން ފެށިގެން ހުއްޓާލާފައިވާ އިގުތިސޯދީ ހަރަކާތްތައް އަލުން ހިންގައިގަތުމަށް ސަރުކާރުން ނިންމާފައިވަނީ ސިއްހީ އޮފިޝަލުންނާ މަޝްވަރާ ކުރެއްވުމަށްފަހު، އާންމުންނަށް ލުއި ފަސޭހަކަން ހޯދާދީނުމުގެ ގޮތުން ކަމަށެވެ.

ސްރީލަންކާގެ ސަރުކާރުން ބުނީ، އެކި އިދާރާތަކަށް މުވައްޒަފުން ނެރުމުގެ ބާރު މިހާރު ދޫކޮށްލާފައިވަނީ އެ މުއައްސަސާތަކުގެ އިސްވެރިންނަށް ކަމަށެވެ. އާންމު ދަތުރުފަތުރުގެ ހިދުމަތްތައް އަލުން ފެށި ކަމުގައި ވީ ނަމަވެސް، އެއްފަހަރާ ފަސެންޖަރުން އުފުލޭނެ އެންމެ ގިނަ އަދަދަކީ، ކެޕޭސިޓީގެ ދެބައިކުޅަ އެއްބައި އަދަދަށް ކަމަށްވެސް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ.

އާންމު ރައްޔިތުންވެސް، ސިއްހީ ޕްރޮޓޮކޯލްތަކަށް ބޯލެނބުމަށް ސްރީލަންކާއިން ވަނީ އިރުޝާދު ދީފައެވެ.

މުރާސިލުން ބުނާ ގޮތުގައި ސްރީލަންކާގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ ހަރުކަށި އަމުރުތަކަށް ލުއި ދިނުމުގެ ފިކުރެއް އެގައުމުގެ ސަރުކާރުން ގެންގުޅެނީ، ކުރިއަށް އޮތް އާންމު އިންތިހާބާ ގުޅޭ ތާރީހުތަކެއް ހަމަޖެއްސުމަށް އިންތިހާބުތަކާ ބެހޭ ކޮމިޝަނަށް ފުރުސަތު ފަހި ކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ކުރިން ހަމަޖެހިފައި އޮތީ އޭޕްރިލް 25 ވަނަ ދުވަހު ކަމުގައި ވީ ނަމަވެސް، ކޮވިޑް-19އާ ގުޅިގެން، މުއްދަތެއް ނެތް ގޮތަށް މި އިންތިހާބުގެ ވޯޓުލުން ވަނީ ފަސްކޮށްފައެވެ.

ހޮނިހިރު ދުވަހު އާންމު ކުރެއްވި ބަޔާނެއްގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަވަނީ، މުއްދަތެއް ނެތް ގޮތަށް، އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ފަސް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ކަންމިހެން އޮތްއިރު އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިންތިހާބަކަށްވުރެ މުހިންމު ވާންޖެހޭނީ ކޮވިޑް-19ގެ ހާލަތު ކަމަށެވެ.