މިމަހުގެ 30 ގެ ނިޔަލަށް ސަރުކާރު ބަންދު ކޮށްފިއެވެ.

ކޮވިޑް – 19 ފެތުރުން ހުއްޓުވުމަށްޓަކައި، 2020 އެޕްރީލް މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ 30 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިގޮތަށް ނިންމެވީ، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުންނެވެ.

މިމަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސެވި ކަމުގައިވިޔަސް، ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ އަސާސީ ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަ ޖެއްސުމަށާއި، އޮފީސް ހުޅުވައިގެން ޚިދުމަތެއް ދޭން ޖެހިއްޖެނަމަ، އެ ޚިދުމަތެއް ދިނުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން ނެރެން ރައީސުލްޖުމްހޫރިއްޔާ ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

އެގޮތުން ދެން ޖެހޭ ހިދުމަތްތައް؛

  • (ހ) ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛
  • (ށ) ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛
  • (ނ) ބްރޯޑްކާސްޓިންގގެ ޚިދުމަތް؛
  • (ރ) ފޯނާއި އިންޓަރނެޓުގެ ޚިދުމަތް؛
  • (ބ) ބޭންކުތަކުން ދޭ ޚިދުމަތް؛
  • (ޅ) ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛
  • (ކ) ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛
  • (އ) ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް؛
  • (ވ) ސިފައިންނާއި ފުލުހުންގެ ޚިދުމަތް؛
  • (މ) ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް؛
  • (ފ) ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް؛
  • (ދ) ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛
  • (ތ) އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛
  • (ލ) ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް؛
  • (ގ) ޖަލުތަކުގެ ޚިދުމަތް؛
  • (ޏ) ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކައިލުމުގެ ޚިދުމަތް؛
  • (ސ) މޫސުމާބެހޭ ޚިދުމަތް.

ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސެވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކަމަށް ވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގާ އެންގުން ތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަން ގަތުމަށާއި، އެ އޭޖެންސީން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.