ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން އދއިން އެކުލަވާލާފައިވާ ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑްއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް ސޯލިހު މިކަމަށް އެދިވަޑައިގެންފައިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ މިހާރުގެ ހާލަތާއި ބެހޭގޮތުން ފޯނު މެދުވެރިކުރައްވާ، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19ގެ ސަބަބުން ގެއްލުން ވެފައިވާ ކުދި އަދި މެދު ފަންތީގެ އިގުތިސޯދު އޮންނަ ހިމެނޭ ގައުމުތަކަށް އެހީތެރުވުމަށް ގާއިމުކުރި ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑް އެކުލަވާލެއްވި ކަމަށްޓަކައި ގުޓެރޭޒްއަށް މަރުހަބާ ވިދާޅުވެ، މި ފަންޑު މެދުވެރިކޮށް އދގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާ ލަނީ / ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ފަދަ ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވާ ތަރައްގީވަމުން އަންނަ ކުދި ޖަރީޒާ ގައުމުތަކުގެ އިގުދިސޯދަށް ކޯވިޑް-19ގެ ނޭދެވޭ އަސަރު އާދަޔާ ހިލާފަށް ކުރަމުންދާކަން، ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނާޒުކު އިގުތިސޯދު ހިމެނޭ ޤައުމުތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް ލުއި ގޮތްތައް ހޯއްދަވައިދެއްވުމަށް އދގެ ސެކްރެޓަރީ ޖެނެރަލްގެ އިސްނެންގެވުމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ މަރުހަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކަމުގައިވާ މުލީއާގޭގައި ރޭގެ ވަގުތެއްގައި ކުރެއްވި މި ފޯންކޯލުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި އދގެ ސެކްރެޓަރީ ޖެނެރަލް ދައްކަވަމުން ގެންދާވާ ހިކްމަތްތެރިކަމަށް ތައުރީފުކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ، ނުރައްކާތެރި ބަލިމަޑުކަމާއި ގުޅިގެން ގައުމީ ފެންވަރުގައި ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކާއި އަމަލުކުރަމުން ގެންދާގޮތުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް/ފޮޓޯ: ޔޫއެންޓީވީ ސްްކްރީންގްރޭބް

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާރިޗު 7 ވަނަ ދުވަހު ކޯވިޑް-19 ގެ ފުރަތަމަ ޕޮޒިޓިވް ކޭސް ރާއްޖޭގައި ރިޕޯޓްކުރެވުނު ހިސާބުން ސަރުކާރުން އަޅުއްވަމުން ގެންދެވި ހަރުދަނާ ފިޔަވަޅުތަކުގެ މައުލޫމާތު އދގެ ސެކްރެޓަރީ ޖެނެރަލްއާ ހިއްސާކުރައްވާފައެވެ. މިމޭރުމުން އެމަނިކުފާނުވަނީ މިދިޔަ މަހު ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ހަރުދަނާކޮށް، ސްކްރީންކުރުމާއި ކަރަންޓީންކުރުމުގެ ފިޔަވަޅުތައް އަޅައި މަސް ދުވަސް ވަންދެން އާންމުން ތެރޭގައި މި ބަލިފެތުރުނަ ނުދީ ހިފެހެއްޓިފައިވާ ކަމުގައި ވިދާޅުވެފައެވެ.

ހަމަ މިއާއެކު މާލެ ސަރަހައްދުން ކޯވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ފެނިފައިވާކަމަށް ވިދާޅުވެ، އިތުރަށް މި ބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާކަމުގައިވެސް ރައީސް ސޯލިހު ވަނީ ގުޓެރޭޒްއަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އެންމެ އިސް އަމާޒަކީ މި ބަލި އިތުރަށް ފެތުރުނަ ނުދީ ހުއްޓުވުން ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ މުޅި ދުނިޔެ ކުރިމަތިލާފައިވާ މި ދަނޑިވަޅުގައި އދއިން ރާއްޖެއާއި ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީޒާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ބެހޭގޮތުންނާއި އަދި އެފަދަ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ފޯނުކޯލް ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 ގެ މިހާރުގެ ހާލަތާގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވަގުތުކޮޅެއް ދެއްވީތީއާއި މި ބަލިމަޑުކަމާ ދެކޮޅަށް އދއިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.