މާލޭގައި ކޮވިޑް-19އަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވުމާއެކު އަރިދަފުސް ރޯގާގެ އެއްވެސް އަލމާތެއް ހުރި މީހެއްނަމަ ލަސްނުކޮށް އެޗްޕީއޭއަށް އެންގުމަށް އެދިއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާޙަކަ ދައްކަވަމުން ކޮވިޑް ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ކޭސް 21 އާއި 22 (މަންމަ އާއި ދަރިފުޅު) އާ ގުޅުން ހުރި 207 ފަރާތެއް ހޯދިފައިވާ ކަމަށާއި އެ ފަރާތްތައް ދެނެގަނެވިފައި ވަނީ 5 ދުވަހުގެ މުއްދަތުގެ ތެރޭގައި އެމީހުންނާ ބައްދަލުވި މީހުންގެ ތެރެއިން ކަމަށެވެ. ހަމައެއާއެކު ކޭސް 23 (ކޭސް 21 އަދި 22ގެ ޑައިރެކްޓް ކޮންޓެކްޓް) ގެ ކޮންޓެކްޓް ޓްރޭސިންގް ހަދާ 35 ފަރާތެއް ދެނެގަނެވިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މާލޭގައި މި ބަލި ފެތުރެމުންދާ ކަމަށް ލަފާކޮށް މާލެ ސަރަހައްދުގެ އެލާޓް ސްޓޭޓަސްވެސް ވަނީ ރެޑް ލެވަލް 4 އަކަށް މަތިކޮށްފައެވެ. ހަމައެފަދައިން މި ކޭސްތަކާ ގުޅުންހުރި ނުވަތަ ކޮންޓެކްޓް ވެފައިވާ ބައެއް ފަރާތްތައް މާލެއިން ބޭރަށް ގޮސްފައިވާ ކަންވެސް ހާމަވެފައިވާ މި ދަނޑިވަޅުގައި ކިރިޔާ އަރިދަފުސް ރޯގާގެ އަލާމާތެއް ހުރިނަމަވެސް ލަސްނުކޮށް އެޗްޕީއޭއަށް އެންގުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެދިފައެވެ.
ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ގައުމުގައި މިހާރު ކޮވިޑް-19ގެ ހާލަތު އޮތް މިންވަރަށް ބަލާއިރު މި ވަގުތު ގައުމުގައި މި ބަލީގެ ކޭސްތައް އުޅެނީ ކިހާ މިންވަރަކަށް ކަން ދެނެގަތުމަށް މޮނިޓާ ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. ހަމައެއާއެކު ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ތެރޭގައި އެޗްޕީއޭއިން ގުޅުމުން ސައްހަ މައުލޫމާތު ދިނުމަށްވެސް ޑރ. އަފްޒަލް ގޮވާލެއްވިއެވެ. އަދި މި ހާލަތުގައި ކަންކަން ފޮރުވައިގެން އުޅުމުން އެ ފަރާތަކަށާއި މުޅި މުޖުތަމައުއަށް ވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެގެން ދާނެ ކަމަށް ވެސް ޑރ. ވިދާޅުވިއެވެ.
މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަރާތްތް އެނގިފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ. އެއަށް ފަހު އެ ކޭސްގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެއް އާއިލާއަކަށް ނިސްބަތްވާ އިތުރު ދެ ފަރާތެއްވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މާލެއިން ފުރަތަމަ ޕޮޒިޓިވް ކޭސް ފެނުމާއެކު މާލެ ވަނީ ލޮކްޑައުން ކޮށްފައެވެ.