ކޮވިޑް 19 އަށް ޕޮޒިޓިވް ވި ކޭސް 21 ގެ ފިރިމީހާ، ހެދި ޓެސްޓުން ނެގެޓިވް ވިޔަސް އޭނާއަށް ބަލި އަރާފައި ހުރެދާނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި ކޭސް 21 ގެ ފިރިމީހާ މިބައްޔަށް ޓެސްޓް ކުރެވިފައިވަނީ ޕީސީއާރް ޓެސްޓަކުން ކަމަށާއި އޭނާގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ. އެހެންނަމަވެސް އޭނާގެ އެންޓިބޮޑީ ޓެސްޓެއް އަދި ހަދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
އެންޓިބޮޑީ ޓެސްޓު ހެދުމުގެ ބޭނުން ހާމަކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވީ، އެ ޓެސްޓު ހެދުމުން މިހާރު ކޭސް 21ގެ ފިރިމީހާ ހުރީ ބަލި ޖެހި އެ ބަލިން ރަނގަޅުވެފައި ކަން ދެނެގަނެވޭނެ ކަމަށެވެ. މިހާރު އޭނާ ބަލިން ރަނގަޅުވެފައި ހުރި ނަމަަ ޕީސީއާރް ޓެސްޓުން ބައްޔަށް ޕޮޒިޓިވްވެފައި ހުރިކަމަށް ނުދައްކާނެ ކަމަށާއި ނަމަވެސް ކުރިން ބަލި ޖެހި އަދި ރަނގަޅު ވެފައިވާ ނަމަ އެންޓިބޮޑީ ޓެސްޓު ހެދުމުން އޭނާއަށް ބަލި ޖެހުނުނަމަ އެކަން އެނގިގެން ދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މިހާރުވެސް މިބަލި ޖެހި އެއްވެސް އަލާމާތެއް ނުފެންނަ މީހުން ފެނިފައިވާ ކަމަށާއި އަލާމާތެއް ނުފެންނަ މިންވަރަށް އެމީހެއްގެ ހަށިގަނޑުގެ ދިފާއީ ނިޒާމުން އެ ބަލި ކޮންޓްރޯލް ކުރާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. މި ފަދަ ހާލަތްތަކުގައިވެސް އަލަމާތް ނުފެނި ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ކޭސް 21 ގެ ފިރިމީހާއަށް މިބަލީގެ ވައިރަސް ޖެހިފައި ހުރުން އެކަށީގެންވާ ކަމަށާއި ނަމަވެސް ވައިރަލް ލޯޑް އެހާ މައްޗަށް ނުދާތީ ޕީސީއާރް ޓެސްޓުގެ ނަތީޖާއިން ބަލި ހުރިކަމަށް ނުދެއްކުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ޑރ. ވިދާޅުވިއެވެ. އެހެން ކަމުން 14 ދުވަހުގެ މުއްދަތަށް ބަލަން ނިންމާފައިވާ އިރު އެ މުއްދަތުގެ ތެރޭގައި އޭނާގެ ގައިން ބަލީގެ އަލާމާތް ފެނުންވެސް އެކަށީގެންވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެެހެންކަމުން އޭނާގެ ޓެސްތުތައް އިތުރަށް ކުރުމަށް އެޗްޕީއޭއިން ނިންމާފައިވާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.
އިއްޔެ މާލެއިން ކޮވިޑް 19 އަށް އެއް އާއިލާއެއްގެ ތިން މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ މަންމައަކާއި ދަރިއަކާއި އަދި އެ އާއިލާގެ އިތުރު މެންބަރެކެވެ. މާލެއިން ގައިން ގައަށް މި ބަލި ފެތުރެމުންދާތީ އެލާޓް ސްޓޭޓަސް ވަނީ ލެވެލް ރެޑަށް މަތިކޮށްފައެވެ. އަދި މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ.