ކޮވިޑް-19 އަށް މާލެ އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމައާ ދިމާވި 75 ހައިރިސްކް އޮތް މީހުން ފާހަގަ ކުރެވިފައި ވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މި ބައްޔަށް މާލެއިން ޕޮޒިޓިވްވި ކުޑަކުއްޖާ (ކޭސް 22) އާއި އެ ކުއްޖާގެ މަންމަ (ކޭސް 21) ގެ ކޮންޓެކްޓް ޓްރޭސިން ހެދި ޖުމްލަ 207 ފަރާތެއް ހޯދިފައިވާ ކަމަށެވެ. އެގޮތުން އެ ދެކޭސްއާ ކޮންޓެކްޓިވި މީހުންގެ ތެރެއިން ހައިރިސްކް އޮތް 75 ފަރާތަކާއި، މީޑިއަމް ރިސްކް އޮތް 43 ފަރާތަކާއި ލޯ ރިސްކް އޮތް 89 ފަރާތެއް ހޯދިފައި ވެއެވެ.
ތިންވަނަ އަށް ޕޮސިޓިވްވި މީހާ (ކޭސް 23) އާ ކޮންޓެކްޓްވި މީހުންގެ ތެރޭގައި ހައި ރިސްކުގެ ހަތް މީހަކާއި މީޑިއަމް ރިސްކުގެ 28 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން ޕޭޝަންޓް 21 އަށް ބަލިޖެހިފައި ވަނީ ޕޭޝަންޓް 23 ގެ ފަރާތުން ކަމެއް ނުވަތަ އެ ނޫންގޮތަކަށް ކަމެއް އަދި މިހާތަނަށް ހޯދިފައި ނުވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ.
މާލެއިން މިހާތަނަށް ތިން މީހަކު ޕޮސިޓިވްވެފައިވާއިރު ގިނަ ސާމްޕަލްތަކެއް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެނެވެ. ޕޮސިޓިވްވި ތިން މީހުން މިހާރު ތިބީ ފަރުކޮޅުފުށި އައިސޮލޭޝަންގައެވެ. މި ތިން ފަރާތަކީ ވެސް އެއް އާއިލާއަކަށް ނިސްބަތްވާ ތިން ކޭސްއެވެ.